މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިންގެވުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލާ ހަވާލުކުރައްވައިފި އެވެ.

ކަރެކްޝަންސްއާ ހަވާލުވެވަޑައިގެން ހުންނަވާ ވަޒީރުގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.

ކަރެކްޝަންސް ހިންގެވުން ޒިލާލާ ހަވާލުކުރައްވާފައި މިވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމްގެ މައްސަލައެއް ބަލަމުންދާތީ އޭނާ ގޭގައި މަޑުކުރަން އަންގާފައިވާތީ އެވެ.

ޖުޑިޝަރީގެ އިނިސްޕެކްޓަ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވަނިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކުރެއްވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހ. ދިޔަދޫ މޫސާ އާޒިމް އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކުރެއްވީ މޫސާ އާޒިމް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.