ފްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ތަފާސްހިސާބުތައް ކޮންމެ ތިން މަހަކުން އެއް ފަހަރު ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޕީޖީ އޮފީހުން މިގޮތަށް އަމަލުކުރަން ނިންމި ހާމަކުރީ އެ އޮފީހުގެ މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސްހިސާބު ހިމެނޭ ރިޕޯޓް ނެރުމަށް އިއްޔެ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އައިޝަތު ބިސާމް އެވެ.
ޕީޖީ ވިދާޅުވީ މިރިޕޯޓް މީގެ ފަހުން ކޮންމެ ތިން މަހަކުން އެއް ފަހަރު ނެރޭނެ ކަމަށެވެ.
ޕީޖީ ވިދާޅުވީ އެ އޮފީހުގެ ތަފާސްހިސާބު ހިމެނޭ ރިޕޯޓް ކޮންމެ ތިން މަހަކުން އެއް ފަހަރު ނެރޭ ގޮތަށް ހަމަޖެއްސުމުން އެ އޮފީހާ ގުޅުންހުރި މައުލޫމާތާއި ތަފާސްހިސާބު ބޭނުންވާ ފަރާތްތަކަށް އެމައުލޫމާތާއި ތަފާސްހިސާބު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޕީޖީ އޮފީހާ ގުޅޭ މިފަދަ މައުލޫމާތު އާންމުކުރަން ފެށުމުން އެ އޮފީހުގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އިއްޔެ މިއަހަރުގެ ފުރަތަމަ ތިން މަހުގެ ރިޕޯޓްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކިއެކި ތަހުގީގީ އިދާރާތަކުން މައްސަލަ ހުށަހަޅާފައިވާ ނިސްބަތާއި، އެމައްސަލަތަކުގެ ބާވަތާއި، މައްސަލަ ހުށަހެޅި އިދާރާގެ ނިސްބަތް އިނގޭނޭހެން މައުލޫމާތުތައް ހިމަނާފައިވެ އެވެ.
މީގެ އިތުރުން ކުށުގެ ރެކޯޑުގެ ތަފާސްހިސާބާއި، އިތުރު ފުރުސަތު ދީފައިވާ ގޮތުގެ ތަފާސްހިސާބާއި، މިނޫންވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅޭ އެކިއެކި ތަފާސްހިސާބާއި މައުލޫމާތު ވެސް މިރިޕޯޓްގައި ވަނީ ހިމަނާފަ އެވެ.