ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ޕީޖީ އައިޝަތު ބިސާމް ފުރާވަޑައިގެންފި އެވެ.

ޕީޖީ އޮފީހުން ބުނީ ރަސްމީ ދަތުރުފުޅެއްގައި ޕީޖީ ލ. އަތޮޅަށް ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަަމަށެވެ.

ޕީޖީ އޮފީހުން ބުނީ ޕީޖީ ބިސާމްގެ މިދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ތަކުގައި ގާއިމްކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގޮފިތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް ކަމަށެވެ.

ޕީޖީގެ މިދަތުރުފުޅުގައި ލ. ގަމުގައި ގާއިމްކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ގޮތްޕަށް ޒިޔާރަތްކުރުމުގެ އިތުރުން ގަމާއި ފޮނަދޫގެ މެޖިސްޓްރޭޓް ކޯޓާއި ލ. ގަމު ޕޮލިސް ސްޓޭޝަންގެ އިތުރުން ލ. އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

މިދަތުރުފުޅުގައި ޕީޖީގެ ބިސާމްގެ އަރިހުގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި، އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އަހްމަދާއި، ޑިރެކްޓާ ޖެނެރަލް އާމިނަތު ވަހީދާ އާއި، ޕާސަނަލް އެސިސްޓަންޓް މުހައްމަދު ޝަމްހީލް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޕީޖީ އޮފީހުން ޕީޖީ ބިސާމް ލ. އަތޮޅުގެ ބައެެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހު ކަމަށެވެ.