ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިއަދު ރާއްޖެ ވަޑައިގަތުމުން ގޭ ބަންދަށް ބަދަލްކޮށްފިއެވެ.
ނާޒިމް 48 ގަޑިއިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަންސްއިން ނާޒިމަށް އެންގުމާ ގުޅިގެން އޭނާ މާލެ ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.
ަ
ނާޒިމް މާލެ ވަޑައިގެންފައި މިވަނީ އޭނާއަށް ރާއްޖެ ވަޑައިގަތުމަށް ދިން 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ވަޑައިނުގެންފިނަމަ ގާނޫނީ އިމުގެ ތެރެއިން އޭނާ މާލޭ ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވަނިކޮށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ނާޒިމް ގެއަށް ބަދަލްކޮށްފައިވާކަަމަށާ ގެއަށް ބަދަލްުކުރި ވަކި ސަބަބެއް އަންގާފައި ނެތްކަމަށެވެ.
"3:30 އެހާކަންހާއިރު ގެއަށް ނާޒިމް ގެންނެވީ. ވަކި މުއްދަތެއްވެސް އަދި އަޅުގަނޑުމެންނަކަށް ނާންގާ." އާޒިމް ވިދާޅުވިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިސަރު ހަސަން އަލީ ވިދާޅުވީ ނާޒިމް ގޭ ބަންދަށް ބަދަލްކޮށްފައިވަނީ އެބޭފުޅުން ތިއްބަވާ ޖަލު ގޮޅި މަރާމާތުކުރަމުން ގެންދާތީކަމަށެވެ. އަދި ނާޒިމްވެސް ގެއަށް ބަދަލްކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށްކަމަށް ހަސަން ވިދާޅުވިއެވެ.
"ޝައިހް އިމްރާންވެސް ގެއަށް ބަދަލްކުރީ ޖަލުގޮޅި މަރާމާތުކުރާތީ. ނާޒިމްވެސް މިހުންނަވަނީ އެގޮޅީގައި. އެހެންވީމަ ތިރީސް ދުވަހަށް މިބަދަލްކުރީ." ހަސަން ވިދާޅުވިއެވެ.
ބޭސްފަރުވާ ކުރަމުން ދަނިކޮށް ނާޒިމަށް މާލެ ވަޑައިގެންފައި މިވަނީ އަމިއްލަފުޅަށް ބޮޑު ހަރަދެއް ކުރައްވައިގެން ސިންގަޕޫރުގައި ހޯއްދަވަމުން ގެންދެވި ފަރުވާގެ ކަންކަން ނުނިމެނީސް ކަމަށާއި ކުއްލިއަކަށް އަންނަން އެންގުމަކީ ބަަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ނާޒިމްގެ އާއިލާ އިން ބުނީ ސިއްހީ ފަރުވާ ހޯއްދަވަން ނާޒިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ޖަލުގައި ހުންނެވިއިރު އެކަށީގެންވާ ވަރާ ގާތަށްވެސް ފަރުވާ ދީފައި ނުވާތީއާއި ރާއްޖޭގައި ފަރުވާ ދެވެން ނެތް ކަމެއްގައި ފަރުވާ ހޯދުމަށް ކަމަށެވެ. އަދި ސިންގަޕޫރަށް ވަޑައިގަތުމަށް ނާޒިމަށް ހުއްދަދެއްވީ ތަކުރާރުކޮށް އެކަމަށް އެދިވަޑައިގަތުމުން ކަމަށްވެސް އާއިލާ އިން ބުނެ އެވެ.
ނާޒިމަށް އެނބުރި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަންއިން އެންގީވެސް ނާޒިމްގެ ބޭސް ފަރުވާގެ ކަންކަން ހިނގަމުންދާ ގޮތާއި ގުޅޭ މައުލޫމާތާއި އަދި ނާޒިމަށް ފަރުވާކުރުމަށްޓަކައި އިތުރު މުއްދަތެއް ދިނުމަށް ޑޮކްޓަރުގެ ލިޔުންތަކާއި އެކު ކަރެކްޝަންސްއަށް ހުށަހަޅާފައިވަނިކޮށް އެކަމަށް އިޖާބަދިނުމަކާ ނުލައި ކަމަށްވެސް އާއިލާ އިން ބުނެ އެވެ.