ޑިމޮކްރަސީ އާއި އިންތިހާބު ތަކާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ލ. އަތޮޅުގައި އިލެކްޝަންސް ކޮމިޝަނުން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ "ސިވިކް އެޑިއުކޭޝަން" ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އެ އަތޮޅުގެ 4 ރަށެއްގައި އެވެ. އެއީ ލ. ގަން، ފޮނަދޫ، އިސްދޫ، އަދި މާވަށެވެ.
އިލްކްޝަންސް ކޮމިޝަނުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޑިމޮކްރަސީ އާއި އިންތިހާބުތަކާއި ބެހޭގޮތުން އާއްމު ރައްޔިތުންނާއި، ސްކޫލްތަކުގެ މަތީ އުމުރުފުރާތަކުގެ ދަރިވަރުން އަދި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި މިކަމާއި ގޫޅޭ މައުލޫމާތުދީ އާއްމުން ހޭލުންތެރި ކުރުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ ހަތަރު ރަށް ހިމެނޭ ގޮތަށް ދެ ޓީމަކަށް ބަހާލައިގެން ކޮންމެ ޓީމެއްގައި ދެ ޓްރެއިނަރުންނާއި ކޮމިޝަންގެ މެމްބަރަކު ހުރެގެން ބެޗެއްގައި 40 ބައިވެރިން ތިބޭ ގޮތަށް ކަމަށެވެ.
މި ޕްރޮގްރާމް އެކުލަވާލާފައިވަނީ ޖުމްލަ ހަތަރު މޮޑިއުލެއްގެ މައްޗަށެވެ. އެއީ ޑިމޮކްރަސީގެ ޒިންމާ ނެގުމާއި ޖަވާބުދާރީވުން، އިންތިހާބުތަކާ އިންތިހާބުތައް ކުރިއަށްދާ ގޮތް، ސިޓިޒެންޝިޕް އަދި ބައިވެރިވުން މި މޮޑިއުލް ތަކުގެ މައްޗަށެވެ.
ލ. އަތޮޅުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ އިތުރަށް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމާއި، ހަތަރު ޓްރެއިނަރުންގެ ގޮތުގައިި ކޮމިޝަންގެ ހަތަރު މުވައްޒަފުން ބައިވެރިވެ އެވެ.