ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެއްސި ސިފައިންގެ ޝަރަފުގެ ހިނގާލުން އެހެން ދުވަހެއްގައި ކުރިއަަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ މޫސުން ތަންނުދިނުމުގެ ސަބަބުން މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމި ޝަރަފްގެ ހިނގާލުން ފަސްކޮށްފައިވާކަމަށެވެ.
އަދި ސިފައިންގެ އަހަރީ ދުވަހުގެ ޝަރަފްގެ ހިނގާލުން ދެން ކުރިއަށްގެންދާނެ ތާރީހެއް ވަރަށް އަވަަހަށް އިއުލާން ކުރާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސިފައިންގެ އަހަރީ ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިމިފައެވެ.
ސިފައިންގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކުންނެވެ.
މީގެެ އިތުރަށް މިއަދާއި މާދަމާ ޖުމްހޫރީ މައިދާނުގައި ކުޑަކުދިންގެ ހަވީރެއްވެސް ބޭއްްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކުޑަކުދިންގެ ހަވީރުވެސް ވަނީ މޫސުން ތަަންނުދޭތީ ފަސްކޮށްފައެވެ.
މީގެ އިތުރަށް މާލެ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ރަށްތަކުގައި މިޔުޒިކަލް ޑްރިލް ޑިސްޕްލޭ ބާއްވާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
ސިފައިންގެ ދުވަހު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި، ޝަހީދުންގެ ބިނާ ސަރަޙައްދުގައި މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހަ ރަށެއްގައިވެސް މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައި ކަަމށް އެމްއެންޑީއެފްއިން ކުރިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްއިން ބުނީ، އަންނަ ހޯމަ ދުވަހު ލ.ގަމުގައާއި، އަންނަ އަންގާރަ ދުވަހު ލ.ފޮނަދޫގައާއި، އަންނަ ބުދަ ދުވަހު މ.މުލީގައި މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތ.ގުރައިދޫގައިއަންނަ ބުރާސްފަތި ދުވަހު މިޔުޒިކަލް ޑްރިލް ޑިސްޕްލޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 29 ވާ ހުކުރު ދުވަހު ފ.ނިލަންދޫގައި އަދި މިމަހުގެ 30 ވާ ހޮނިހިރު ދުވަހު ދ.ކުޑަހުވަދޫގައި މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.