ރާއްޖެ އަށް ދިމާވާ ބޮޑެތި ކާރިސާ ތަކުގައި ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަން އަބަދުވެސް އެންމެ ފުރިހަމަ އަށް ލިބޭ ކަމަށް ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދަޅުވެއްޖެއެވެ.

މިއަދު ދިވެހި ރެޑްކްރެސެންޓްގެ އަހަރީ އާންމު ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ދިވެހި ރެޑްކްރެސެންޓަކީ ދިމާވާ ހުރިހާ ކާރިސާތަކެއްގައި ހެލްތް މިނިސްޓްރީ އާއި ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓާއި އަދި އެނޫންވެސް މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށެވެ.

އަދި ޒުވާނުންތަކެއް އެކުލަވަލެވިގެން ވޮލަންޓިއަރކޮށް އިންސާނިއްޔަތުކަމަށް ދިވެހި ރެޑްކްރެސެންޓުން ވެދެއްވާ އެހީތެރިކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އަދި ސިއްހީ ދާއިރާގައި ދުނިޔެއަށް އަންނަ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ގުޅިގެން ރާއްޖެއަށް ދިމާވާ އެފަދަ ހާލަތްތަކުގައިވެސް ދިވެހި ރެޓްކްރެސެންޓުން ވެދޭ އެހީތެރިކަން އެކަމަނާ ފަހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ރެޑްކްރެސެންޓް އުފެދިގެން އައީ 2004ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހުއެވެ.

މިއަދުފެށި ދިވެހި ރެޑްކްރެސެންޓްގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށް އޮތް ދެ އަހަރަށް ދިވެހި ރެޑްކްރެސެންޓުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ހަމަޖެއްސުމާއި އެކި އަތޮޅުތަކުގައި ހުރި ފޯކަލް ޕޮއިންޓްތަކަށް ބަޖެޓް ކަނޑައަޅައި ޖަމިއްޔާގެ ހިންގުމުގެ ކަންކަމާއިމެދު މަޝްވަރާ ކުރެވޭނެއެވެ.

މިއަދުގެ ޖަލްސާގައި ވަނީ ދިވެހި ރެޑް ކްރެސެންޓުގެ އާ ވެބްސައިޓުވެސް އިފްތިތާހު ކޮށްފައިއެވެ.