ޖައްވު ހޫނުވުމާއި މޫސުމައަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދުނިޔޭގެ ހުރިހާ ގައުމެއް ބައިވެރިވެގެން މިދިޔައަހަރު ޕެރިހުގައި ބޭއްވި އދގެ މޫސުމާ ބެހޭ ބޮޑު މަހާސިންތާގައި އެކުލަވާލި އެއްބަސްވުން ނުވަތަ "ޕެރިސް އެގްރީމެންޓް" ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައިމަރުކަޒުގައި އިއްޔެ މިކަަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

ޕެރިސް އެއްބަސްވުމުގައި 150 އަށް ވުރެ ގިނަ ގައުމުން ސޮއިކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް މިއެއްބަސްވުން އެންމެ ފުރަތަމަ ތަންފީޒު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ 11 ގައުމެވެ. މީގެ ތެރޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ގޮތުގަައި ބަލައި ހަތް ގައުމެއް ހިމެނެ އެވެ. މި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.

ޕެރިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް އދގެ މައި މަރުކަޒަށް ވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި އދގެ މޫސުމާ ބެހޭ ސަމިޓް މިދިޔަ އަހަރު ބޭއްވުނު ފަރަންސޭސިވިލާތުގެ ރައީސް އޮލާންޑޭއާއި، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑޯއާއި، އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މިރަސްމިއްޔާތަށް ކެރީ ވަޑައިގެންނެވީ ކެރީގެ ކާފަދަރިކަނބަލުންނާއެކު އެވެ.

ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މި އެއްބަސްވުން ތަންފީޒުކުރުމަށް މަދުވެގެން 55 ގައުމެއްގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ. އަދި ގައުމުތަކުން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ހިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ގައުމުތަކުގެ ބައިވެރިވުން އޮންނަންޖެހޭ ކަަމަށްވެސް ވިދާޅުވި އެވެ.

"މިކަމަށް އެއްބާރުލުން ދިނުމަށްޓަކައި ރާއްޖެއިން ވާނީ އެއްވެސް ޝަރުތަކާ ނުލައި ރާއްޖެއިން ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު 10 އިންސައްތަ ދަށްކުރުމަށް ހުށަހަޅާފައި. އަދި އިތުރު އެހީ ގައުމުތަކުން ލިބިއްޖެނަމަ 24 އިންސައްތަ އަށް މި އަދަދު ދަށް ކުރުމަށް ވެސް ވަނީ ރާއްޖެއިން ވާނީ ހުށަހަޅާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޕެރިސް އެގްރީމެންޓްގެ އެންމެ މުހިއްމު ބަޔަކީ ޖައްވު ހޫނުވުމަށް މެދުވެރިވާ ގްރީންހައުސް ގޭހުގެ މިންވަރު މަދުކުރުމެވެ. އެހެން ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން ޖައްވަށް ވިހަގޭސް ބޭރުކުރާ އެމެރިކާ، ޗައިނާ އަދި އިންޑިއާގެ އެންމެ އިސްވެރިން އދ.ގެ މައިމަރުކަޒަށް އިއްޔެ ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުތަކުގެ އެންމެ އިސް ވެރިންނާއި، ބައެއް ގައުމުތަކުގެ ސަރުކާރުތަކުގެ އިސް މަންދޫބުން އދ.ގެ މައިމަރުކަޒަށް ވަޑައިގެންފައިވުމަކީ ޖައްވު ހޫނުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އަވަސް އަދި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެކަމުގެ އުއްމީދެއް ކަމަށް ނޫސްވެރިން ސިފަކުރެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން "ޕެރިސް އެގްރީމެންޓް" މިއަހަރުގެ ތެރޭގައި ތަންފީޒުކުރާނޭ ކަމަށް ބެލެވިފައިވާއިރު ދުނިޔޭގެ 28 ގައުމު ހިމެނޭ ޔޫރަޕްގެ އިއްތިހާދުން ބުނެފައިވަނީ އެކަމަށް އަހަރެއް ނުވަތަ ދޮޅުއަހަރު ނަގާފާނޭ ކަމަށެވެ.