ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު އިތުރުކޮށްދިން 30 ދުވަހުގެ މުއްދަތު ކެންސަލްކުރުމަށް ނިންމި ނިންމުން އަލުން މުރާޖާކުރުމަށް މެޑިކަލް ބޯޑުން އަރުވާ ލަފާއަށް ބެލުމަށްފަހު ފެށޭ ހަފްތާގައި ނަޝީދުގެ މައްސަލާގައި ގޮތްތަކެއް ނިންމަވާނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ކުރީގެ ރައީސްގެ ނަޝީދުގެ ބޭސްފަރުވާއަށް މެޑިކަލް ބޯޑުން އިތުރުކޮށްދިން މުއްދަތު ކެންސަލްކުރީ ގާނޫނީ ވަކީލުން ދެއްކި ވާހަކަތަކާއި ގުޅިގެން އެރި އޮޅުމެއްގެ ސަބަބުންކަމަށްވާތީ އެކަން އަލުން ރިވިއުކުރުމަށް މެޑިކަލް ބޯޑަށް އަންގާފައިވާކަމަށެވެ.
އަދި މި ހަފްތާގެ ތެރޭގައި މެޑިކަލް ބޯޑުން އެ މައްސަލާގައި އަރުވާ ލަފައަކަށް ބެލުމަށްފަހު ގޮތްތަކެއް ނިންމަވާނެކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
"މެޑިކަލް ބޯޑުން އެކަން ރިވިއުކުރަނީ ދެއްތޯ. ދެން މެޑިކަލް ބޯޑުން އެބޭފުޅުންގެ ލަފައެއް އަރުވާނެ އަޅުގަނޑަށް. އެ ލަފައަށް ބަލާފައި ނަޝީދުގެ މައްސަލާގައި ދެން ގޮތެއް ނިންމާނީ." މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނަޝީދަކީ ކުރީގެ ރައީސަކަށްވުމުން އެމަނިކްފާނު ބޭރަށް ބޭސްފަރުވާއަށް ފޮނުވުނީ ހާއްސަ ހުއްދައެއްގެ ދަށުންކަމަށާ އަދި ބޭސްފަރުވާކުރުމަށް ވަޑައިގެންނެވީ މައިބައިދައިގެ އޮޕަރޭޝަނަކަށްކަމަށެވެ.
ނަމަވެސް ރައީސް ނަޝީދު އެކޮޅުގައި ކުރައްވާ ބޭސްފަރުވާއަކާއި، ރާއްޖޭގައި ގާނޫނީ ޓީމުން ދައްކަވާ ވާހަކަތަކާއި ގުޅިގެން ގިނަ އޮޅުންތަކެއް އަރަމުންދާކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
"ރާއްޖެއިން ނުކުރެވޭ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް މިފޮނުވަނީ. ރައީސް ނަޝީދު ބޭރަށް ފޮނުވީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް. ނަމަވެސް އެހެން ފަރުވާތަކެއްގެ ވާހަކަ މިދެކެވެނީ ދެއްތޯ. މިއީވެސް މި ނިންމުންތައް ނިންމުމުގައި ބަލާނެކަމެއް." އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދަށް މުއްދަތު އިތުރުކޮށްދިނުމުގައި މެޑިކަލް ބޯޑްގެ ލަފައަކަށް އެދިވަޑައިގެންނެވީ ރައީސް ނަޝީދު ފޮނުވާފައިވާ ލިޔުންތަކުގެ ސައްހަކަން ދެނެގަތުމަށްކަމަށެވެ.
ނަޝީދަށް މިދިޔަ އާދިއްތަ ދުވަހު އެއްމަސް ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން އަންގާފައިވީނަމަވެސް ހޯމަ ދުވަހު ވަނީ އެ ނިންމުން ބަދަލްކޮށްފައިވާކަން ހާމަކޮށްފައެވެ.
ކަރެކްޝަނުން އެދުވަހު ބުނީ ރައީސް ނަޝީދަށް ދިން 30 ދުވަހުގެ މުއްދަތު އަނބުރާ ގެނެއުމަށް ނިންމީ ކަރެކްޝަނުގެ ކަމާ ގުޅޭ ކޮމިޓީން އެކަން ބެލުމަށް ފަހު ކަމަށެވެ.
ބޭސްފަރުވާކުރުމަށް ރައީސް ނަޝީދަށް ދީފައިވާ މުއްދަތު ހަމަވެ ގިނަ ދުވަސްތަކެއްވީފަހުން އިތުރު ތިރީސް ދުވަސް ބޭސްފަރުވާކުރުމަށް އިތުރުކޮށްދިނުމަށްފަހު އޭގެ އެއް ދުވަސް ފަހުން އެ ނިންމުން ބަދަލްކޮށްފައިވާއިރު، ހުއްދަނެތި ބޭސްފަރުވާކުރުމަށް ހޭދަވި މުއްދަތާއި ގުޅޭގޮތުން އަދި އެއްވެސް ނިންމުމެއް ނިންމާފައިނުވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ.