ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ބިމުގެ ނިސްބަތުން ދުނިޔޭގެ އެންމެ ބައިބޯ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވާ ދޮޅުލައްކައެއްހާ މީހުން ދިރިއުޅެނީ މިރަށުގަ އެވެ. ކިލޯމީޓަރެއް ހުންނަ މިރަށުގައި ދުއްވުމަށް ކޮންމެ އަހަރަކުވެސް އެތައްހާސް އުޅަނދެއް އެތެރެކުރެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2013 ވަނަ އަހަރު 187 ކާރާއި، 35 ޕިކަޕާއި، 47 ވޭނާއި، 3696 ސައިކަލު މާލެ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި 2014 ވަނަ އަހަރު 290 ކާރާއި، 97 ޕިކަޕާއި، 59 ވޭނާއި، 4823 ސައިކަލު ރަޖިސްޓްރީ ކޮށްފައިވެ އެވެ. މި ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އެތެރެކުރަނީ ސައިކަލެވެ. 2014 ވަނަ އަހަރު މާލެ ސަރަހައްދުގައި ދުއްވުމަށް އެތެރެކުރި ސައިކަލުގެ އަދަދަށް ބަލާއިރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 402 ސައިކަލު ވަނީ އެތެރެކޮށްފަ އެވެ.