ސްވިޑަންގެ ފޮރިން މިނިސްޓަރު މާގޮޓް ވޮލްސްޓްރޯމް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން އެކަމަނާ އަށް އަލްވަދާއު ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އެވެ.
ސްވިޑަންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ.
ާމާގޮޓް މިދަތުރުފުޅާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ ރަސްމީ ދަތުރުފުޅެއް ކަމަށް ބުނެފައިވެ އެވެ.
ސްވިޑަންގެ ފޮރިން މިނިސްޓަރު އިއްޔެ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވާފަ އެވެ. ނަަމަވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ މައުލޫމާތު ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.