ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދުގައިވާ "ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ފޯމުގައި ބުނެފައިވާ ތަކެއްޗާއެކު ކުރިއަށް އޮތް މެއި މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 3:00 ޖެހުމުގެ ކުރިން ޑީޖޭއޭއަށް ހުށަހެޅުމަށެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު ޑީޖޭއޭގެ ވެބްސައިޓުންނާއި ރާއްޖޭގެ ވަކީލުންގެ މައުލޫމާތު ހިމެނޭ ވެބްސައިޓުގައި ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

"ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި މި އިއުލާނުގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅަން ނުޖެހޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ޑީޖޭއޭގެ އިއުލާންގައިވެ އެވެ.

ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހެޅުމުން ހުއްދަ ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކުރާނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށް މިއަހަރު ބާއްވާ ފުރަތަމަ ރަސްމިއްޔާތުގަ އެވެ. ނަމަވެސް މިރަސްމިއްޔާތު ބާއްވާނެ ވަކި ތާރީހެއް އަދި ޑީޖޭއޭ އިން އިއުލާންކޮށްފައެއް ނުވެ އެވެ.