އިރާނުން ދިވެހިރާއްޖެއަށް ސާފުކުރި ތެޔޮ އެތެރެކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މިމަޝްވަރާތައް މިއަދު ކުރިއަށް ދިޔައީ އިރާންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުހައްމަދު ޒައޭރީ އަމިރާނީ، އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ރައީސް ޔާމީންއާއި ޒައޭރީއާއި ދެމެދު ބޭއްވުނު ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުވުމުގައި ޒައޭރީއަށް ރައީސް ޔާމީން މަރުހަބާ ދެންނެވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއާއި އިރާނާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާއި ބެހޭގޮތުންނާއި ހާއްސަކޮށް ސާފުކުރި ތެޔޮ އިރާނުން ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި އިރާންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އޭނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި އިރާނާ ދެ ގައުމުގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އޭނާ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ނަސީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.