މާލޭގެ އެކި ތަންތަނުގައި ބަޔަކު މީހުން ލައްވާ ހުޅުޖަހަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މީހަކު ދޫކޮށްލުމަށްފަހު، އަލުން އެމީހާ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކުރި މީހަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ދެބެންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ ހުސައިން ޝާހިދު އެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކުރީ މަނީލޯންޑްރިންގެ މައްސަލައެއްގައި ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފައިވާ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުމަތުގައި އަދީބާއި އޭނާގެ ބޭބެއެއް ކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް (ހާމިދު ސޭޓް)ގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އަދި މި ދެ ބޭފުޅުން ވެސް މިވަގުތު ތިބީ ހައްޔަރުކޮށްފަ އެވެ.