ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި މުހައްމަދު ހުޝާމް ވަކިކުރެއްވުމަށްފަހު އެ މަގާމަށް އަހްމަދު ޝިހާން މިއަދު އައްޔަންކުރައްވައިފި އެވެ.

ޝިހާން އަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެންޑޭޓްގައި ހިމެނޭ މަސައްކަތުގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯއްދަވާ އަދި ގިނަ ދުވަސްތަކެއް ވަންދެން ކަރެކްޝަންސްގައި ތަފާތު މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަމަށް ކަރެކްޝަންސްގެ ނަން ބަދަލުވުމުގެ ކުރިން އެތަނަށް ކިޔާފައިވަނީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް) އެވެ.

ޝިހާން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު ޑީޕީއާރްއެސްގެ އޭރުގެ އެންމެ އިސް މަގާމު ކަމުގައިވާ ޑިރެކްޓަ ޖެނަރަލްގެ މަގާމު އަދާކުރައްވާފަ އެވެ. ރައީސް މައުމޫންގެ ވެރިކަމަށްފަހު ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމާ ޝިހާން ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. ރައީސް ވަހީދުގެ ވެރިކަމަށްފަހު އަނެއްކާވެސް ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު މިއަދު އަލުން ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރުމާ ހަމައަށް ޝިހާން އުޅުއްވީ އަމިއްލަ މަސައްކަތުގަ އެވެ.

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހ. ދިޔަދޫ މޫސާ އާޒިމް އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހ. ފާލަންދޮށުގެ މުހައްމަދު ހުޝާމް އައްޔަންކުރެއްވީ މޫސާ އާޒިމް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. އެހެންކަމުން ޝިހާނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރެވުނު ތިންވަނަ ބޭފުޅާ އެވެ.