މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމަށް އައްޑޫސިޓީ މީދޫ ކެނެރީވިލާ މުހައްމަދު ޖުނައިދު އައްޔަންކުރައްވާފައި ނުވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިހެން ބުނެފައި މިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޖުނައިދު މިއަދު ވަކިކުރައްވާ އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ޖުނައިދު ދެވަނަ ފަހަރަށް އައްޔަންކުރައްވާފައިވާ ކަމަށް މިއަދު މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމަށް ބޭފުޅުން އައްޔަންކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުން ކަމަށްވާއިރު އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވި ފަހުން އަދި އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އެއްވެސް ބޭފުޅަކު އައްޔަންކުރައްވާފައި ނުވާ ކަމަށެވެ.

"އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ޖުނައިދު އައްޔަންކޮށް އަޅުގަނޑުމެން މިބޯޑުން އަދި އެއްވެސް ފަރާތަކަށް ލިޔުމަކުން އެއްވެސް އެއްޗެއް ނާންގަން،" ނިޒާރު ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ޖުނައިދު ހުންނަވަނިކޮށް ކަސްޓަމްސްގެ ކޮމިޝަނާ ކަމަށް ޖުނައިދު އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޖުނައިދު ވަކިކުރެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.