މިނިވަން ނޫހުގެ ނޫސްވެރިޔާ މ. ޝައިނިން ސްޓާ، އަހްމަދު ރިލްވާން އަބްދުﷲ ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ގޭ ބަންދަށް ބަދަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މީހުންގެ ބަންދަށް 7 ދުވަސް ދީފައިވަނިކޮށް އެ މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުން ގޭ ބަންދަށް ބަދަލްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހުންގެ ތެރެއިން 31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. މި ދެ މީހުންނަކީ މި މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ބައެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ރިލްވާން ގެއްލުނު މައްސަލާގައި އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ ގަދަކުމުން ރިލްވާން އެރުވިކަމަށް ބެލެވޭ ކާރުގެ ޑިކީ ތެރެއިން ފެނުނު ފަސް އިސްތަށީގެ ތެރެއިން އެއް އިސްތަށިން ލިބުނު މައިޓޯކޮންޑްރިއަލް ޑީއެންއޭ، ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ. އޭގެ އިތުރުން ރިލްވާން ގެއްލުނު ކަމަށް ބުނާ ރޭ ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ، ސ. ހުޅުދޫ، އަތިރީއާގެ، މުހައްމަދު ސުއައިދުއާއި އިތުރު މީހަކުވެގެން ރިލްވާންއަށް ފާރަލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ޝަތީހް ވިދާޅުވެފައިވެ އެވެ.

ރިލްވާން 7 އޮގަސްޓް 2014 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވީނުވީތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ 13 އޮގަސްޓް 2014 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި 2014 ވަނަ އަހަރު ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އެ އެންމެންވެސް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. މި މީހުންގެ ތެރޭގައި ސުއައިދުވެސް ހިމެނެ އެވެ.