ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތައް ބަލައި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ބުނީ ޓަމްރަޓްގެ މިދަތުރުފުޅަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ މާހައުލެއް ގާއިމުކުރުން ކަމަށް އދ އިން އެހީތެރިވެދިނުން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމަޖެހުން ގެނެސް ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތް ކުރުމަކީ ވެސް މިދަތުރުފުޅުގެ ބޭނުމެއް ކަމަށްއދ. އޮފީހުން ބުނެ އެވެ.
ޓަމްރަޓް ސެމިއުލްގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ އަދި މަދަނީ ޖަމިއްޔާތަކާއި ބައްދަލުކުރައްވާ ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރަށް ސްވިޑަންގެ ފޮރިން މިނިސްޓަރު މާގޮޓް ވޮލްސްޓްރޯމް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން އެކަމަނާ އަށް އަލްވަދާއު ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އެވެ.
ސްވިޑަންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. މާގޮޓް މިދަތުރުފުޅާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ ރަސްމީ ދަތުރުފުޅެއް ކަމަށް ބުނެފައިވެ އެވެ.