ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހ. ފާލަންދޮށުގެ، މުހައްމަދު ހުޝާމް ރިޓަޔަރކުރައްވާފައިވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މިނިސްޓަރު އުމަރުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުން ހުޝާމް ރިޓަޔަރކުރައްވާފައިވާކަމަށާ އަދި އައު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސް މިއަދު ބޭފުޅަކު އައްޔަންކުރައްވާފައިވާކަމަށެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ހުޝާމް ވަނީ މަގާމުންގެ މަސްއޫލިއްޔަތުތަކުން އެކަހެކިކޮށް ގޭގައި މަޑުކުރައްވަން އަންގަވާފައެވެ. ހުޝާމް ގޭގައި މަޑުކުރަން އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ހުޝާމް ގޭގައި މަޑުކުރެއްވުމަށް އެންގި ސަބަބަކާއި ގުޅޭގޮތުން އޭނާވެސް އަދި މިނިސްޓަރު އުމަރުވެސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޖުޑިޝަރީގެ އިނިސްޕެކްޓަ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވަނިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކުރެއްވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހ. ދިޔަދޫ މޫސާ އާޒިމް އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކުރެއްވީ މޫސާ އާޒިމް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.