ގައުމީ ހިދުމަތުގައި ހިތްވަރާއިއެކު ދެމިތިބުމަށް ހުރިހާ ސިފައިންނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
މިހާރު ކުރިއަށްދާ ދިވެހި ސިފައިންގެ 124 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ ދިވެހި ސިފައިންނަށް ކުރައްވާ އެންމެ ބޮޑު އިލްތިމާސްއަކީ އެންމެ ފުރަަތަމަ ގައުމު އިސްކުރުމަށާއި، ހަވާލްކުރެވިފައިވާ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމާއި، އެކަންކަމުގައި ތެދުވެރިވުމަށްކަމަށެވެ.
ޝިޔާމް ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމީ މަތިވެރި ހިދުމަތެއްގައި ދެމިތިބި ބައެއްކަމަށާ އެހެންކަމުން ގައުމީ ހިދުމަތުގައި ހިތްވަރާއި އިހްލާސްތެރިކަމާއެކު ކުރިއަށް އޮތްތާވެސް ހިދުމަތް ކުރުމަށް އިލްތިމާސްކުރައްވާކަަމަށެވެ.
އަދި ދިވެހި ސިފައިން އަބަދުވެސް މަސައްކަތްކުރައްވާނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއިއެކުކަމުގެ ޔަގީންކަން ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް އަރުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ މިވަގުތު އެންމެ އިސްކަންދެވޭ ކަމަކީ ދިވެހި ސިފައިންގެ ތަމްރީން ޕްރަގްރާމްތައް އިތުރަށް ވަރުގަދަކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.