މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ދެކަނބަލުން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ހިނގާދިޔަ ހާދިސާއަކީ ދިވެހި އަސްކަރިއްޔާ އިސްޖަހާލަން ޖެހުނު ހާދިސާއެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ސިފައިންގެ 124 ވަނަ އަހަރީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންގެ މުއައްސަސާއަކީ ވަރަަށް ހަރުދަނާ އަދި ވަރަށް ވަރުގަދަ އުސޫލުތަކެއްގެ ތެރެއިން ހިންގަމުންދާ މުއައްސަސާއެއް ކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ސިފައިންގެ މުއައްސަސާއަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ސިފައިންގެ މުއައްސަސާއަށް އައިސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންގެ ތެރެއިންވެސް ބައެއް ކަންކަން އުސޫލުތަކުގެ ތެރެއިން ބޭރުން ހިނގާފައިވާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެކަމަށް މިސާލު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ފިނިފެންމާ ލޯންޗުގައި ހިނގާދިޔަ ހާދިސާއަކީ މުޅި އަސްކަރިއްޔާ އިސްޖަހާލަން ޖެހުނު ވަގުތެއް ކަމަށެވެ.

"ނަމަވެސް މިވަގުތުތަކުގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ދައްކަވާފައިވާ މަތިވެރި ހިތްވަރަށް މިފުރުސަތުގައި ޝުކުރު ދަންނަން. އެމަނިކުފާނު އެދަނޑިވަޅުގައި އަޅުއްވާފައިވާ ޝުކުރު ހައްގު ފިޔަވަޅުތަކެއް. އެމަނިކުފާނު އެދަނޑިވަޅުގައި ކުރައްވާފައިވަނީ ހިމޭން ޖިހާދެއްކަމުގައި ދެކެން،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހި ސިފައިންގެ ލަޝްކަރު އޮތީ ވަރަށް ބަދަހިކޮށް ކަމަށާ ސިފައިންގެ އެކުވެރި ބަދަހި ސަފުތަކަށް ބުރޫއަރުވައި ނުލެވޭނެ ކަމަށެވެ. ގައުމުގެ ހަމަޖެހުން ނަގާލާ، ވެރިކަން ބަޣާވާތްކުރުމަށް މަސައްކަތް ކުރާ އެއްވެސް ބަޔަކަށް ދިވެހި ސިފައިންގެ ސަފުތައް ރޫޅާނުލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރަށް މިނިސްޓަރު ވަނީ ދިވެހި ސިފައިންގެ މުއައްސަސާއަށް މިއަހަރުގެ ތެރޭގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތްތަކުގެ ތަފްސީލް ހިއްސާކޮށްދެއްވާފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މަސްކަނޑުތައް ބެލެހެއްޓުމަށް އިތުރު ހެލްކޮޕްޓަރެއް ރާއްޖެ ގެނެވޭނެ ކަމަށާ މަސްކަނޑުތައް ބަލަހައްޓާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިތުރަށް ބެލެހެއްޓުމަށްޓަކައި ހަތިޔާރު އެޅި އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާ މިއަހަރު ނިމުމުގެ ކުރިން އެ އުޅަދުތައް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާޑާ ސިސްޓަމްތައް ގާއިމްކުރުމާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގާއިމްކޮށް މަސައްކަތް ފަށައިގެންފައިވާ ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިހާރު އުފެދިފައިވާ ޑިފެންސް ކޮލެޖްގެ ސަބަބުން ސިފައިންގެ ތެރޭގައި ތަމްރީން ޕްރޮގްރާމްތައް ހަރުދަނާވެގެން ދާނެކަން ފާހަގަކުރައްވާ އޭރިއާ ކޮމާންޑްތަކުގައި އަދި ކޯސްގާޑާއި ކަނޑުމަތީގައި ހަރަކާތްތެރިވާ ސިފައިންނަށްވެސް ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް މިކޮލެޖުގައި ކިޔަވާ އަދި ދަސްވެނިވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ސިފައިންގެ ރިޓަޔާމެންޓް ގަވާއިދު ހަދާ އެ ގަވާއިދަށް އަމަލުކުރަން މިހާރު ފެށިފައިވާ ކަމަށާ އެކަމުގެ ސަބަބުން ސިފައިންގެ ސިފަވަންތަކަން އިތުރުވެފައިވާ ކަމަށެވެ. އަދި ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރުމަށްފަހު ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެ މަގު މިހާރު ތަނަވަސްވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރަށް ތިންކް ޓޭކެއް ހަދާ ކުރީގެ ސިފައިންނާއި ގުޅިގެން މުއައްސަސާ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަލިފާންގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާތީ އަތޮޅުތެރޭގެ ތިން ސަރަހައްދެއްގައި އަލިފާން ނިންވާ ސެންޓަރުތަކެއް ގާއިމްކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޕްރެޝަރުގައި ފެނާއި ލޮނު ޖެހޭނެ ގޮތަށް އިންތިޒާމްތަކެއް ހަމަޖައްސުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާ މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމަވާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ަމިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމީ ބޮޑެތި މަަސައްކަތްތަކުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމަށާ ކުރިއަށް އޮތްތަނުގައި ސިފައިންގެ ބައިވެރިވުން ގައުމީ މަަސައްކަތްތަކުގައި އެތައް ތަނެއް އިތުރުވެގެންދާނެ ކަމަށެވެ.