ސިފައިންގެ ހިދުމަތުގައި ހޭދަކޮށް ޝަރަފްގެ ނިޝާން ލިބިފައިވާ ބޭފުޅުން އެ ހިދުމަތުން ވަކިވުމަށްފަހު ގައުމަށް ޣައްދާރުވާނަމަ އެބަޔަކަށް ދީފައިވާ ޝަރަފްގެ ނިޝާން އަތުލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ގާނޫނު އަސާސީއަށް ސިފައިންވެސް ތަބާވާންޖެހޭ ކަމަށާ ގާނޫނު އަސާސީ ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ސިފައިންގެ ވާޖިބެއް ކަމަށެވެ. ނަމަވެސް ސިފައިންނާއި، ސިފައިންގެ ހިދުމަތުން ޝަރަފްވެރިކަމާއިއެކު ވަކިވެވަޑައިގެންފައިވާ ބައެއް ފަރާތްތަކުން ގާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތްކުރަނީ ކިހާވަރަކަށްތޯ ސުވާލުކޮށްލަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކަކު ހިދުމަތްކޮށް، ސިފައިންގެ ޝަރަފްގެ ނިޝާން ހޯދުމަށްފަހު އަދި ރިޓަޔާަކުރެއްވުމަށް ފަހު އަމަލުކުރަނީ ކިހިނެއްތޯ ބަލަންޖެހޭ ކަމަށެވެ.

"ރިޓަޔަރ ކުރައްވާ ފަރާތްތަކުން އަަމަލުކުރަނީ ރަނގަޅަށްތޯ ބަލަންޖެހޭ. އެކަން ނުކުރާނަމަ ޝަރަފްގެ ނިޝާން އަތުލަންޖެހޭ. އެއީ ސިފައިންގެ މުއައްސަސާގެ ކަރާމާތް ނަގާލުންކަމަށް އަޅުގަނޑު ދެކެނީ،" ސިފައިންގެ އެންމެ މަތީ ވެރިޔާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމަށް ޣައްދާރުވުމަކީ ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫން ކަމަށާ އެފަދަ ކަމެއް ފެނިއްޖެނަމަ އެފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ބަލާނީ ޝަރުއީ ކޯޓަކުން ނޫން ކަމަށާ އެކަން ނިންމަންޖެހެނީ އަސްކަރީ ކޯޓުން ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖޭގައި އަސްކަރީ ކޯޓެއް އުފެއްދުމުގެ ބޭނުމަކީ އެއީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ނިޒާމްތައް ހަަމަޖެހިފައި ހުންނަންޖެހޭނީ އާމަރީން ހަތިޔާރު ނުނެރެވޭނެ ގޮތަކަށް ކަމަށާ ހިދުމަތުގައި ދެމިހުރި މީހެއްގެ ފަރާތުން އެކަން ފެނިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އެއްވެސް ދިވެހި ރައްޔިތަކަށް އޮތް ހައްގެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހަތިޔާރު ގެންގުޅެނީ ސިފައިން އެކަނި ކަމަށާ ނަމަވެސް ރައީސް ދަތުރުކުރެއްވި ލޯންޗްކޮޅު ގޮއްވާލުމުން ދެން ހިމޭންކަމާއިއެކު ކަން ހިނގަމުންދާ ގޮތާއި މެދު ހުރިހާ ސިފައިންވެސް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ފައިދާއަށްޓަކައި ގައުމުގެ ސިއްރުތައް ހާމަކުރެވިގެން ނުވާނެ ކަމަށާ ނަމަވެސް މިއަދު ދިވެހި ގައުމު ހިތްދަތިކަމާއިއެކު ކަންތައްތަކެއް ތަޖުރިބާކުރަމުން މިދަނީ ބަޔަކު އެކަންކަންވެސް ކޮށްފައިވާތީ އެކަމުގެ ނަތީޖާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ދެ ވަޒީރުން ޑިފެންސް މިނިސްޓްރީ ހިންގުމަށްފަހު ވަކިވެގެންދާން ޖެހުނު ސަބަބާއި މެދު ސިފައިން ވިސްނަންޖެހޭ ކަމަށެވެ.