އަބުރާ ބެހޭއިރު ގާނޫނު އަރާ ހަމަކުރާނެކަން އެނގެންޖެހޭކަމަށާ އަބުރާބެހުމުން ކުރާ ޖޫރިމަނާ ނުދައްކައިފިނަމަ ޖަލުގޮޅިއަށްދާން ޖެހޭނެކަމަށް ރައީސުލްުޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެކަކު އަނެކެއްގެ އަބުރާބެހޭނަމަ ބަދަލް ނަގައިދެވޭނެކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ އެމީހަކު ޖަލުގޮޅިން ޖާގަ ހޯދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނޫންގޮތަކަށް މިތަނުގެ އޯގާތެރި، މީހުންގެ ހައްގުތަކަށް އިހްތިރާމްކުރާ މުޖުތަމައުއެއް ރައީސަކަށް ބިނާނުކޮށްދެވޭނެ" ރައީސް ޔާމީން ވިދާޅުވިއެވެ.
މަޖިލީހަށް ހުށައެޅިފައިވާ ބިލްގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ހުށައަޅާފައިވާއިރު، އެ އަދަދުތައް ކުޑަކުރުމަށް މަސައްކަތް ކުރާނެކަމަށް ބަންޑާރަ ނާއިބް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ރައީސް މިރޭ ވަނީ ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް ހިއްސާކުރުމަށް ނޫސްވެރިންގެ ތެރެއިން ބަޔަކު ދާދިފަހުން ލަންކާއަށް ދަތުރުކުރައްވާފައިވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ކަންކަން ދިވެހިންނަށް ނިންމެންވާނެކަމަށާ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ބޭރުގެ ފަރާތްތަކުގެ ކައިރިއަށްދިއުމަކީ ހައްލުތޯ ސުވާލްކުރައްވާފައެވެ.