ފުލުހުންނާއި ގުޅިގެން އިތުރު ޕްރޮގްރާމްތައް އުފައްދައި އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި ފުލުހުންގެ އިދާރާއިން މަޝްވަރާކޮށްފި އެވެ.

ހުސައިން އާދަމް ބިލްޑިންގައި އިއްޔެ މިމަޝްވަރާތައް ކުރިއަށް ދިޔައީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލްއާއި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އާއި ދެމެދުގަ އެވެ.

މިބައްދަލުވުމުގައި ހަލީލް ވަނީ ފުލުހުންނާއި ޕީއެސްއެމް ގުޅިގެން ހިންގިދާނެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މިގޮތުން ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމަށް މަގުފަހިވާ ފަދަ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގެ މައިގަނޑު ހާދިސާގެ މައްޗަށް ޕްރޮގްރާމްތައް އުފައްދައި ޓީވީއެމްއިން ދެއްކުމާއި، ކުށުގެ ނުރައްކަލުން ޒުވާނުން ދުރު ކުރުމަށް މަގުފަހިވާ ފަދަ ޕްރޮގްރާމްތައް އުފެއްދުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފުލުހުން ބުނެ އެވެ.