އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކުރީ މިމަހުގެ 12 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ. އެދުވަހުގެ ޖަލްސާގައި މި އިސްލާހުވީ 53 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް ތިން މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ.

މަޖިލީހުގެ ޖަލްސާގައި މިއިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެންބަރުން ވިދާޅުވީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މުއައްސަސާއެއް އުފައްދާއިރު އެ މުއައްސަސާ ވާންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ނުފޫޒު ނުފޯރާ އަދި މިނިވަންކަމާއި އެކު މަސައްކަތް ކުރެވޭ މުއައްސަސާއަކަށް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މި މުއައްސަސާއަށް މެންބަރުން އައްޔަންކުރައްވާ ގޮތަށް އޮތުމާއި އިސްލާމިކް މިނިސްޓަރުގެ ބާރު ހިނގާ ގޮތަށް މި މުއައްސަސާ އުފައްދަން އިސްލާހުގައި ބުނެފައިވާތީ އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެކަމަކު މިއިސްލާހަށް މަޖިލީހުގައި ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވީ މިފަދަ މުއައްސަސާއެއް ވުޖޫދަށް އައުން ލަސްވެއްޖެ ކަމަށެވެ. އެހެންކަމުން މި މުއައްސަސާ އުފެއްދުން އަވަސްކުރުމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން މަޖިލީހުގެ ޖަލްސާގައި ބާރު އެޅުއްވި އެވެ.

މިއިސްލާހުގައިވާ ގޮތުން މިފަދަ މަޖިލީހެއް އުފެއްދުމުގެ ބޭނުމަކީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމްކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިޔާލު އުފެދޭ މައްސަލަތައް ގައުމީ ފެންވަރުގައި ހައްލުކުރުމަށާއި އަދި އިސްލާމީ ފިޤުހީ އާ މައްސަލަތައް ދިރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާ ހަރުދަނާ ކަމާއެކު ފޯރުކޮށްދިނުމެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް އައްޔަންކުރުމުގެ ބާރާއި، މެންބަރު ކަމުން ބޭފުޅަކު ވަކިކުރަންޖެހޭ ހާލަތެއް އައިސްފިނަމަ އެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

މި މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކާއި، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރައްވާ ބޭފުޅަކާއި އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ލަފާގެ މަތިން އައްޔަންކުރެވޭ މެންބަރެއްގެ މައްޗަށެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަންކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. އަދި މި މަޖިލީހުގައި ގިނަ ވެގެން މެންބަރު ކަން ކުރެވެނީ 10 އަހަރުގެ މުއްދަތަކަށެވެ. އިސްލާހުގައިވާ ގޮތުން މި މަޖިލީހަށް އިސްލާމިކް މިނިސްޓަރު ބާރު ހިނގާނެ އެވެ. އަދި މަޖިލިސް ޖަވާބުދާރީވާންޖެހެނީ ވެސް އިސްލާމިކް މިނިސްޓަރަށެވެ.

މި އިސްލާހުގައި ބުނެފައިވަނީ ދީނީ މައްސަލަތަކުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ދޭ ފަތުވާތަކަށް ހަމަ އެމައްސަލާގައި އާންމު ފަރާތްތަކުން ދޭ ފަތުވާތައް ނުވަތަ ފާޅުކުރާ ހިޔާލުތަކާއި ބަޔާންތަކަށް ވުރެ އިސްކަންދޭން ވާނެ ކަަމަށެވެ.

ދީނީ ފަތުވާދޭ މަޖިލީހެއް އުފެއްދުމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް މިއަދު ތަސްދީގު ކުރައްވާފައިވާއިރު ދީނީ މައްސަލަތަކުގައި ފަހު ބަސް ބުނުމަށް ފިގްހު އެކަޑަމީއެއް ވެސް އުފައްދާފައިވެ އެވެ. ނަމަވެސް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އުފެދުމުން ފިގްހު އެކަޑަމީއާ މެދު އަމަލުކުރާނެ އެއްވެސް ގޮތެއް މިއިސްލާހުގައި ކަނޑައަޅާފައެއް ނުވެ އެވެ.