އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި ދެވޭ އެވޯޑެއް ރައީސް އަބްދުﷲ ޔާމިނަށް ލިބިވަޑައިގަންނަވާތީ އެ އެވޯޑާއި ހަވާލުވެވަޑައިގަތުމަށް ރައީސް މާދަމާ އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ޔާމީނަށް މި އެވޯޑް އެރުވުމަށް ހަމަޖެހިފައިވަނީ ދަ ޑޭލް ވިއު ފައުންޑޭޝަންގެ 39 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިމަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަނީ "ޑރ. ކަލާމް ސްމްރިތީ އިންޓަނޭޝަނަލް އެކްސެލެންސް އެވޯޑް" އެވެ. ރައީސް ޔާމީނަކީ މި އެވޯޑް ލިބިވަޑައިގަންނަވާ ފުރަތަމަ ބޭފުޅާ އެވެ.

ޑރ. ކަލާމަށް ހެޔޮ އެދޭ ފަރާތްތަކަކުން އުފައްދާފައިވާ "ކަލާމް ސްމްރިތީ އޮގަނައިޒޭޝަން" އިން މި އެވޯޑް ދެނީ އިގްތިސޯދީ، ތައުލީމީ، ތަރައްގީ، ލީޑަޝިޕް އަދި ސައިންސްގެ ދާއިރާ އިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންނަށެވެ.

ކަލާމްގެ ހަނދާނުގައި ދޭން ފަށާފައިވާ ޑރ. ސްމިރިތީ އެވޯޑް ތައާރަފްކުރީ މިދިޔަ އަހަރު އެވެ. ސައިންސްގެ ދާއިރާ އިން މިދިޔަ އަހަރު މި އެވޯޑް ހޯދީ އިންޑިއާ ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ސައިންސް ވެރިއެއް ކަމުގައިވާ އެން ވަލާމަތި އެވެ.