އިޚްލާސްތެރި ކަމާއެކު މީހަކު ކޮށްދޭ ހިދުމަތަކީ އެހެން މީހުން އެހިދުމަތެއް ތާއަބަދު ބަލައިގަންނާނެ ހިދުމަތެއް ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ސީޕީ އަރީފް މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު އަބްދުﷲ މުފީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ކަން އިއުލާނު ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޝަނާ އަރީފް ވިދާޅުވީ ފުލުހުންގެ ހިދުމަތް ފަދަ ހިދުމަތެއްގައި 30 އަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ދިރިއުޅުމުގައި ހުތޫރަތްތެރި އެތައް ދަނޑިވަޅަކާއި ވަގުތުތަކެއް ތަހައްމަލް ކުރަން ޖެހޭ ހިދުމަތެއް ކަމަށެވެ.

"އާއިލާއަށް އެމީހެއްގެ ހިދުމަތް އެންމެ ބޭނުންވާ އަދި އެމީހަކު ނެތި އެ ހިދުމަތް ފުރިހަމަ ނުކުރެވޭ ކިތަންމެ ހާލަތެއްގައި އަމިއްލަ އާއިލާ އާއި ހުރިހާ އުފަލެއް ދޫކޮށް ރައްޔިތުންނަށާއި ގައުމަށް ހިދުމަތް ކުރުމަށް ފުލުހުންގެ ހިދުމަތުން އިސްކަންދޭންޖެހޭނެ،" ކޮމިޝަނާ ވިދާޅުވި އެވެ.