މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަަރަހައްދުގައި މިހާރު ހިންގަމުންދާ ކެފޭތައް ހުސްކުރަން ހައުސިން މިނިސްޓްރީން އަނެއްކާ ވެސް އަންގައިފި އެވެ.
މިފަހަރު ހާބަރު ކަނޑަތައް ހުސްކުރަން ދީފައިވަނީ ތިން ދުވަހެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް މިތަންތަން ހުސްކުރަން ހާބަރު ސަރަހައްދުގައި ހިންގާ ކަޑަތަކުގެ ވެރިންނަށް އެއްްމަސް ދުވަހުގެ ނޯޓިސް އެއްވެސް ދީފައިވެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 4:00 އިން ފެށިގެން 72 ގަޑިއިރު ނުވަތަ ތިން ދުވަހުގެ ތެރޭގައި ކަޑަތައް ހުސްކުރަން ޖެހޭނެ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ކަޑަތައް ހުސްކުރުމަށް ނޯޓިސް ނެރުނީ އެ ސަރަހައްދުގައި ޒަމާނީ ފެންވަރަށް ފުޑްކޯޓުތަކެއް ހެދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ)އާއެކު މިދިޔަ ޖެނުއަރީ މަހު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެކުންފުނިން މަސައްކަތް ފެށުމަށް ކަމުގަ އެވެ.
މި އެއްބަސްވުމުގައިވާ ގޮތުން އެސްޓީއޯއިން ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ޒަމާނީ ފުޑްކޯޓްތަކަކާއި، ޕާކިން ޒޯންތަކަކާއި، ދެ ފާހާނާބަރި ހަދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ މިސަރަހައްދު އެސްޓީއޯ އިން ތަރައްގީކުރާނީ މިހާރު މިސަަރަހައްދުގައި ހަދާފައިވާ ޕާކާވެސް ގުޅޭގޮތަށް މިސަރަހައްދުގެ މުޅި މަންޒަރު ބަދަލުވެގެންދާ ގޮތަށް ވަރަށް ހިތްގައިމު ކޮށް ކަަމުގައި އެވެ. އަދި މިސަރަހައްދު ތަރައްގީވެ ނިމުމުން ކެއިންބުއިމުގެ ހިދުމަތް ދިނުމަށް 25 ނޫނީ 27 ސްޓޯލް ހެދިފައި ހުންނާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުޑްކޯޓް ތަރައްގީކުރާނީ ކޮންމެ ތަނަކަށް ވެސް ދެ ފަރާތުން މީހުންނަށް ވަދެވޭ ގޮތަށް، އަދި އިށީދެ ތިބުމަށް ބޮޑު ސަރަހައްދެއްވެސް އޮންނަ ގޮތަށް ކަމުގައި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު މީގެ ކުރިން ވިދާޅުވީ މިސަރަހައްދުގެ ފުޑްކޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މިސަރަހައްދުގެ ފުޑްކޯޓްތައް ކުއްޔަށް ދޭނެ އުސޫލު ފަހުން ހާމަކުރާނެ ކަމަށާއި، ތަރައްގީކުރުމުގެ މަސައްކަތް ކުރިއަަށް ގެންދާނީ އާންމުންނަށް ދަތި ނުވާ ގޮތަށް ދެ ފިޔަވައްސަށް ބަހާލައިގެން ކަމުގައި އެވެ.