ހަވީރު ނޫހުގެ މިލްކްވެރިކަމުގެ މައްސަލަ ކޯޓުން ނިންމަންދެން ހަވީރުގެ މިލްކުވެރިކަމުގައިވާ ތަކެއްޗަށް އުނިކަން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރުނީ ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ ފާރޫގް ހަސަނާއި އިބްރާހިމް ރަޝީދު މޫސާގެ އިތުރުން މުހައްމަދު ނައީމް (މޮނާޒާ ނައީމް)ގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިއަދު ނެރުނު އަމުރުގަ އެވެ.

ހަވީރުގެ ތިން ހިއްސާދާރުން އަމުރަކަށް އެދުނީ ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި އޭނާގެ ބޭފުޅުންނާއި ހަވީރުގެ އެއްވެސް މުވައްޒަފަކަށް އާ ނޫހެއް ނުހެދޭނެ ގޮތަށް އަމުރެއް ނެރެދިނުމަށެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ހަވީރު ނޫހުގެ މިލްކްވެރިކަމުގެ މައްސަލާގައި ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން ހަވީރުގެ މިލްކުވެރިކަމުގައިވާ ތަކެއްޗަށް އުނިކަން ލިބޭނެ ފަދަ އެއްވެސް ކަމެއް އެއްވެސް ގޮތަކަށް ނުކުރުމަށާއި ހަވީރާ މުވައްޒަފުންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް އިހްތިރާމް ކުރުމަށެވެ.

ގާޒީ މުހައްމަދު ހަލީމް ނެރުއްވި މި އަމުރު ރައްދުވަނީ ޑރ. ޒާހިރު ހުސައިން އާއި ހަވީރު މީޑީއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވީރަށް ނިސްބަތްވާ ހުރިހާ މުވައްޒަފުންނަށެވެ. އަދި އަމުރު ދެމިއޮންނާނީ ހަވީރުގެ ހިއްސާދާރުންނަށް ލިބެންވާ ސާފު ފައިދާ ކޯޓުން ކަނޑައަޅައި ނިމެންދެން ކަމަށްވެސް އަމުރުގައިވެ އެވެެ.