ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ސްރީލަންކާ މީހާގެ ބަންދަށް 17 ވަނަ ފަހަރަށް ކޯޓުން މުއްދަތު އިތުރުކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ސްނައިޕަރުގެ ގޮތުގައި ގިނަ ބަޔަކު ދަންނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 22 ވަނަ ދުވަހު ކޯޓުން އޭނާގެ ބަންދަށް އިތުުރު 10 ދުވަސް ދީފައިވާ ކަމަށެވެ.

ސްނައިޕަރު ރާއްޖެ ގެނައުމުގެ ތުހުމަތުގައި ފުލުހުން މީގެ ކުރިން ތިން މީހަކު ހައްޔަރުވެސް ކުރި އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ އެމީހުން ދޫކޮށްލާފަ އެވެ.

ފުލުހުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް އަވަހާރަކޮށްލުމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ހައްޔަރުކޮށްފައިވާ ލަންކާ މީހާ އަކީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ ލަންކާ މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާ ދީގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެމީހާއި ހަވާލުކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެން ރައީސް އަވަހާރަކޮށްލުމުގެ މަސައްކަތްކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނާ ވާހަކަތައް ލަންކާގެ ނޫހެއްގައި ވަނީ ދޮގުކޮށްފަ އެވެ. ލަންކާގެ އެކޮނޮމީ ނެކްސްޓް ނޫހުގައި ބުނެފައިވަނީ ސްނައިޕަރ ޝޫޓަރެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ހައްޔަރުކޮށްފައިވާ ލަންކާ މީހާއަކީ އެގައުމުގެ ވެރިރަށް ކޮލޮމްބޯގެ އިރުމަތީ ރަށްބޭރުގައި އޮންނަ މާލަބޭ އަވަށުގައި ހިކިމަސް ވިއްކަން އުޅޭ މީހެއް ކަމަށެވެ.

އެކަމަކު ސްރީލަންކާގެ ސަންޑޭޓައިމްސް ނޫހުގައި ލަންކާ މީހާގެ މަންމައާއި ހަވާލާދީ ބުނެފައިވަނީ އެނާގެ ދަރިފުޅު، ލަހީރު މަދުޝަންކާ ރާއްޖެ އައީ ވަޒީފާއެއް ހޯދުމަށް ކަމަށެވެ. އަދި އޭނާގެ ދަރިފުޅަށް ވަޒީފާ ދޭނެ ކަމަށް ބުނެ މުއާމަލާތު ކުރި ރާއްޖޭގެ އެޖެންޓުގެ ނަމާއި އޭނާގެ މައުލޫމާތު ކަމާއި ގުޅުހުންހުރި ފަރާތްތަކާއި ހިއްސާކުރެވިފައިވާ ކަމަށްވެސް ލަންކާ މީހާގެ މަންމަ ނޫހުގައި ބުނެފައިވެ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތުގައި އާއި ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފިލައިގެން އުޅޭ ބަޔަކު ހޯދުމަށް އިންޓަޕޯލުން ވަނީ ނޯޓިސް ވެސް ނެރެފަ އެވެ.