އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅަކީ "ޑރ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވާނަންސް 2016" އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
"ޑރ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވާނަންސް 2016" އަކީ އިންޑިއާގެ ކުރީގެ ރައީސް ޑރ އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި އިންޑިއާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ރައީސް ޔާމީނަށް މި އެވޯޑް އެރުވުމަށް ހަމަޖެހިފައިވަނީ ދަ ޑޭލް ވިއު ފައުންޑޭޝަންގެ 39 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ އިންޑިއާގެ ޓްރިވެންޑްރަމްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޑރ. ކަލާމަށް ހެޔޮ އެދޭ ފަރާތްތަކަކުން އުފައްދާފައިވާ "ކަލާމް ސްމިރިތީ އޮގަނައިޒޭޝަން" އިން މި އެވޯޑް ދެނީ އިގްތިސޯދީ، ތައުލީމީ، ތަރައްގީ، ލީޑަޝިޕް އަދި ސައިންސްގެ ދާއިރާ އިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންނަށެވެ.
ކަލާމްގެ ހަނދާނުގައި ދޭން ފަށާފައިވާ ޑރ. ސްމިރިތީ އެވޯޑް ތައާރަފްކުރީ މިދިޔަ އަހަރު އެވެ.
ސައިންސްގެ ދާއިރާ އިން މިދިޔަ އަހަރު މި އެވޯޑް ހޯދީ އިންޑިއާ ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ސައިންސް ވެރިއެއް ކަމުގައިވާ އެން ވަލާމަތިއެވެ.