ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ސިއްރު ހެއްކާއި ބޭންކް ސްޓޭޓް ސްޓޭޓްމަންޓްތަކެއް ހުށަހަޅައިފި އެވެ.

މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ މައްޗަށެވެ.

މި ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ވަނީ ނުވަ ހެއްކެއް ހުށަހަޅާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ ދައުލަތުގެ ދައުވާއާއި ގުޅިގެން ބެންކް ސްޓޭޓްމެންޓްތަކަކާއި ޗެކް ސިލްޕްތަކަކާއި އެގްރިމަންޓްތަކެއް ގެއިތުރުން އެއްވެސް އިތުރު ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ދައުވާއަށް ޖަވާބުދާރީ ވެވޭނީ މައްސަލައާއި ގުޅޭ ލިޔުންތައް ސިއްރު ކުރުމަކައި ނުލައި ފޯރުކޮށްދީގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި ދައުލަތުން ހުށަހަޅާ ލިޔުންތައް ފޯރުކޮށްދިނުމަށްވެސް ސިރާޖު އެދިވަޑައިގެންނެވި އެވެ.

ޒިޔަތުގެ ވަކީލް ވެސް މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ދައުވާ އަށް ޖަވާބު ދެވޭނީ ކަމާ ގުޅޭ ލިޔުންތައް ލިބިގެން ކަމަށެެވެ. އަދި އެކަމަށް އޭނާ ވެސް އެދިވަޑައިގެންނެވި އެވެ.

މިއަދު އަޑުއެހުމުގައި ހާމިދުގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ ދައުލަތުގެ ދައުވާގައި ބުނާ މުއާމަލާތަކީ ހާމިދު ހައްޔަރުކުރި ފަހުން ހިނގާފައިވާ ކަމަކަށްވާތީ އެ މައުލޫމާތު ހާމިދަށް އެނގިފައި ނުވާ ކަމަށާއި އެ މައުލޫމާތު ހާމިދާ ހިއްސާކުރީ ވެސް ފުލުހުން ކަމަށެވެ. ހާމިދުގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލްގެ ހިއްސާދާރުންނާ އިސް މީހުންގެ ބަޔާންތައް ތަހުގީގަށް ނެގުމަށްފަހު ޝަރީއަތަށް އެބަޔާންތައް ހުށަހަޅާފައި ނުވާތީ ސުއޫދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެ ބަޔާންތައް ހުށަހެޅި ނަމަ ހާމިދުގެ މައްޗަށް ކުރާ ތުހުމަތުގައި އޭނާގެ ކުށެއް ނެތް ކަން އެނގިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހާމިދު މެލޭޝިއާ އިން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ދައުލަތުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ސިއްރު ހެއްކާއި ބޭންކް ސްޓޭޓް ސްޓޭޓްމަންޓްތައް ހުށަހެޅީ ޒިޔަތުއާއި ހާމިދާއި އަދި އަދީބްގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ހުލާސާ ގޮތެއްގައި ޖަވާބުދާރީވީ ކަމަށް ބަލައި މައްސަލަ ބައްލަވާ ގާޒީ ދައުލަތުގެ ދައުވާ ސާބިތު ކުރަން ހެކި ހުށަހަޅަން ފުރުސަތު ދިނުމުންނެވެ.

އަދީބްއާއި ޒިޔަތުގެ މައްޗަށް މިހާރު ވެސް ބައެއް ދައުވާ ކުރެވި ޝަރީއަތުގެ އަޑުއެހުންތައް ވަނީ ފެށިފަ އެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން މާލެއަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެބޮނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދޫކުރި މައްސަލާގައި ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތުގެ ދައުވާ އެވެ. އަދީބްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. މީގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު މައްސަލައެއްގައި އަދީބްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ.