ދެހާސް ސާތަރަވަނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީވޯޓިން ނިޒާމު ތައާރަފްކުރަން ނިންމާފައިވާތީ އެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވީޓީވީން ގެނެސްދޭ ފަސްމަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އެހެން އަހަރުތަކާ އަޅާބަލާއިރު އަންނަ އަހަރު ބާއްވާ އިންތިހާބު ވަރަށް ބޮޑަށް ތަފާތުވެގެންދާނެ ކަމަށާއި، އެގޮތުން އަންނަ އަހަރުގެ އިންތިހާބުގައި މަސައްކަތް ކުރަނީ އީވޯޓިން ތައާރަފްކުރުމަށް ކަމަށެވެ.

އަކްރަމް ވިދާޅުވީ ނެޓްވޯކިންގެ ތެރެއިން ދާ ނިޒާމަކަށް ރައްޔިތުން ތާއިދުނުކުރާ ކަމަށާއި، އީވޯޓިންގެ ނިޒާމަކީ އެއްވެސް ވަރަކަށް ނެޓްވޯކަކާއި ގުޅިފައިވާ ނިޒާމެއް ނޫން ކަމަށެވެ.

"އެހެންކަމުން މިފަދަ ނިޒާމެއްގެ ދަށުން އިންތިހާބުތައް ކުރިއަށް ގެންދިއުމުގައި ސިޔާސީ ޕާޓީތަކުން ވެސް ތާއީދު ކުރޭ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީވޯޓިން ނިޒާމުގައި ބޭނުންކުރާ މެޝިންތައް ހެކް ކޮށް، ނަތީޖާ އޮޅުވާލުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް މި ނިޒާމާއި ބެހޭ އެކި ކަންކަން ދިރާސާ ކުރަމުން ގެންދާ ކަމަށާއި، އީވޯޓިންގައި ބޭނުންކުރާ މެޝިންތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކޮމިޝަނަށް ލިބުމުން ސިޔާސީ ޕާޓީތަކުގެ އިންތިހާބުގައާއި، ސްކޫލްތަކުގައި ބާއްވާ އިންތިހާބު ތަކުގައާއި ރަށްރަށުގައި އެކި ފެންވަރުގައި ބާއްވާ އިންތިހާބު ތަކުގައި ބޭނުންކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

"މީގެ އިތުރަށް އިންތިހާބުތައް ފެށުމުގެ ކުރިން މި ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއް ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.

އީވޯޓިން ސިސްޓަމް ތައާރަފްކުރުމުން ރައްޔިތުންގެ އިތުބާރު އިންތިހާބުތަކަށް ބޮޑުވާނެ ކަމަށާއި، އަދި ނަތީޖާ ލިބުން އަވަސް ވެގެން ދިއުމާއި، ދައުލަތުގެ ބަޖެޓުން މިކަަމަށް ކުރަންޖެހޭ ހަރަދު ކުޑަވެގެން ދާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

މި މަސައްކަތަކީ މުޅިން އަލަށް ކުރާ މަސައްކަތެއްތޯ ސުވާލު ދެންނެވެމުން އަކްރަމް ވިދާޅުވީ މި މަސައްކަތް ކުރިން ވެސް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ބައެއް ގައުމުތަކާއެކު މިކަމުގައި އެއްބަސްވުންތަކަކަށް ވެސް އައިސްފައިވާ ކަމަށެވެ. އެހެންކަމުން މިއީ ކޮމިޝަންގައި ކުރިން ތިއްބެވި މެންބަރުންގެ މަސައްކަތުން ފަށައިގަނެވޭ ކަމެއް ކަމަށާއި، އީވޯޓިންގައި ބޭނުންކުރުމަށް ގެނެވޭ މެޝިިންތަކަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމެއްގެ ދަށުން ގެނެވޭ މެޝިންތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އީވޯޓިން ސިސްޓަމަކަށް ދިއުމަށް 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި އިންތިހާބުތަކަކަށް ހަދާނެ ކަމުގެ ޔަގީންކަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.