ސްވިޒަލެންޑްގެ މިލިއަނަރަކު ރަހީނުކުރުމުގެ ތުހުމަތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ސުވާލުކޮށްފި އެވެ.
ރަހީނުކުރެވުނު ވިޔަފާރިވެރިޔަކީ ރާއްޖޭގައި އިންވެސްޓްމަންޓްތަކެއް ކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ވެރިޔާ ކްރިސްޓޮޕާ ޕީޓާ ނިކޮލާ ގްރޯ ކަމަށް ބުނެވެ އެވެ.
އޭނާ ރަހީނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ސްވިޒަލެންޑްގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަަށް މައުލޫމާތު ލިބެ އެވެ. މިކަން ކުރީ އަދީބްގެ ރޭވުމަކަށް އަދި އޭނާ ފޮނުވި ބަޔަކު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އަދީބާއި ސުވާލުކޮށްފައިވީ ނަމަވެސް ފުލުހުން މިމައްސަލާގައި ވަކި އެއްޗެއް ބުނެފައި ނުވާތީ ސުވާލުކުރެވުނު ވަކި ދުވަހެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އޭނާ ރަހީނުކުރުމަށްފަހު ތިން މިލިއަން ޑޮލަރު ދިނުމަށާއި އަދި އެ ފައިސާ ނުދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް މިއަދު ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ނޫމަޑި އަކީ ފުލުހުންނަށް ހުޅުމާލޭގައި މިހާރު ހަދަމުންދާ ފްލެޓުތައް އެޅުމަށް އެންމެ ފުރަތަމަ ސަރުކާރުން ހަވާލުކުރި ކުންފުންޏެވެ. ނޫމަޑިއަށް ފްލެޓް އަޅަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަ އޭސީސީއަށް ވެސް ހުށަހެޅިފައިވެ އެވެ.
ސްވިޒަލެންޑްގެ މިލިއަނަރަކު ރަހީނުކުރުމުގެ ތުހުމަތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ސުވާލުކޮށްފައިވާ ކަން ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ ބައެއް މީޑިއާތަކަށް ޔަގީންކޮށްދެއްވާފަ އެވެ.