އިނގިލީގެ ނިޝާން ޖަހާފައިވާ 300 މެންބަރުންގެ މެންބަޝިޕް ފޯމް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމްތައް ހުށަހެޅުމަށްފަހު ކޮމިޝަންގެ ކުރިމަތީގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ މިއަދު ކޮމިޝަނަށް ހުށަހެޅި ފޯމް ތަކަކީ "އެމްޑީޕީއާއެކު ކުރިއަށް" މިނަމުގައި ކުރިއަށްދާ ކެމްޕޭންގެ ތެރެއިން ލިބިފައިވާ ފޯމްތަކެއް ކަމަށެވެ.

"މިދިޔަ ހޮނިހިރު ދުވަހު ފެށި މި ކެމްޕޭންގައި އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ފޯމްތައް އެބަހުރި ލިބިފައި. އޭގެ ތެރެއިން މިއަދު ކޮމިޝަނަށް މިހުށަހެޅީ މިހާތަނަށް ޕްރޮސެސް ކުރެވިފައި ހުރި ފޯމްތައް އެކަނި. އެހެންވީމާ އަދި އިތުރު ފޯމްތައް އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައި ހުށަހަޅާނަން" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެންބަޝިޕް ފޯމްތައް ކޮމިޝަނަށް ހުށަހެޅުމުން ވީހާވެސް އަވަަހަށް އެ ފޯމްތަކާއި މެދު ގޮތެއް ނިންމުމަށްފަހު އެމްޑީޕީގެ ދަފްތަރުގައި ހިމަނާދިނުން އަވަސް ކޮށްދިނުމަކީ އެމްޑީޕީން އެދޭ ކަމެއް ކަމަށެެވެެ.

އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ފެށި ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ވަނުމަށް ސޮއިކުރަމުންދާ ކަމަށްވެސް އަނަސް ވަނީ ވިދާޅުވެފަ އެވެ.