ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އެކްޓިން ޗާންސެލާގެ މަގާމަށް، ޏ. ފުވައްމުލަކު، މުރަކަ، ދަޑިމަގު، އަހްމަދު މާޖިދު އައްޔަން ކުރައްވައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މާޖިދު މި މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު ކަމަށެވެ.

މާޖިދަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަނުން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިޔާއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މާޖިދު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވަޒީފާތަކުގައި، ޝަރުއީ ދާއިރާއަށް ހަ އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފަ އެވެ. އަދި މާޖިދަކީ 2010 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ޑިގްރީ އަދި ޑިޕްލޮމާ ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން މާޖިދު ވަނީ ފަނޑިޔާރުންގެ އިންޑަކްޝަން ޕްރޮގްރާމްތަކާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުނު ގިނަ ޕްރޮގްރާމްތަކެއްގައި އިރުޝާދު ދެއްވާފަ އެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އެކްޓިން ޗާންސެލާގެ މަގާމަށް އައްޔަންކުރުމުގެ ކުރިން މާޖިދު ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިން ޖުޑީޝަލް އެޑިޔުކޭޝަން"ގެ ޕްރޮގްރާމްތައް އެކުލަވާލާ ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި، ސުޕްރީމް ކޯޓުން އުފައްދާފައިވާ މުއައްސަސާއެކެވެ.

މި މުއައްސަސާ އުފައްދާފައިވަނީ 31 އޯގަސްޓް 2015 ގައެވެ.