އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި ދޭ "ޑރ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވާނަންސް 2016" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް މިއަދު އަރުވައިފި އެވެ.

ރައީސް ޔާމީނަށް މި އެވޯޑް އެރުވީ ދަ ޑޭލް ވިއު ފައުންޑޭޝަންގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ ރައީސް ޔާމީން އެވެ.

"ޑރ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވާނަންސް 2016" އަކީ އިންޑިއާގެ ކުރީގެ ރައީސް ޑރ އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި އިންޑިއާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވީ ރައީސް ޔާމީނަށެވެ.

ޑރ. ކަލާމަށް ހެޔޮ އެދޭ ފަރާތްތަކަކުން އުފައްދާފައިވާ "ކަލާމް ސްމިރިތީ އޮގަނައިޒޭޝަން" އިން މި އެވޯޑް ދެނީ އިގްތިސޯދީ، ތައުލީމީ، ތަރައްގީ، ލީޑަޝިޕް އަދި ސައިންސްގެ ދާއިރާ އިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންނަށެވެ.

ރައީސް އޮފީހުން ބުނީ ޔާމީނަށް މި އެވޯޑް އެރުވީ ރައީސް ކަމުގައި އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް އެކަނި ނޫން ކަމަށާއި އެ މަނިކުފާނުގެ ގައުމީ ހިދުމަތުގެ ހުރިހާ ދުވަސްވަރެއްގެ މަސައްކަތްތަކަށްވެސް ބަލާފައިވާ ކަމަށެވެ.

ކަލާމްގެ ހަނދާނުގައި ދޭން ފަށާފައިވާ ޑރ. ސްމިރިތީ އެވޯޑް ތައާރަފްކުރީ މިދިޔަ އަހަރު އެވެ.

ސައިންސްގެ ދާއިރާ އިން މިދިޔަ އަހަރު މި އެވޯޑް ހޯދީ އިންޑިއާ ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ސައިންސް ވެރިއެއް ކަމުގައިވާ އެން ވަލާމަތިއެވެ.