އަޕަ ނޯތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރަކަށް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ސާމީ ހަމަޖައްސަވައިފި އެވެ.
ފުލުހުންގެ އަޕަ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅެވެ.
ސާމީ އަކީ ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތުގައާއި ތަހުގީގު ދާއިރާގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަޕަ ނޯތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރަކަށް ސާމީ ހަމަޖައްސަވާފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އެވެ.
ޑިވިޒަން ތަކުގެ ޑިވިޒަން ކޮމާންޑަރުންނަކީ އަތޮޅު ތަކުގައި ފުލުހުންގެ ހިދުމަތް ދެމުންދާއިރު އެ ޑިވިޒަނެއްގެ ކަންކަން ދުވަހުން ދުވަހަށް ބައްލަވައި މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށާއި އޮޕަރޭޝަންތައް ހިންގަވައި މައްސަލަތައް ތަހުގީގު ކުރެއްވުމަށް މަސައްކަތްތައް ރާވައި ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އެންމެ އިސް ފުލުހެވެ.
މީގެ އިތުރުން އެ ޑިވިޒަނެއްގެ ކުށުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތައް ރާވައި ހިންގައި އިޖުތިމާއީ ހަރަކާތްތަކާއި އެސަރަހައްދެއްގައި ކުރެވޭ އިގްތިސޯދީ މަސައްކަތްތަކަށް ފަހި މާހައުލެއް ގާއިމްކޮށް ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމުގައި އެ ޑިވިޒަނެއްގައި އެންމެ އިސް ފުލުހެއްގެ ގޮތުގައި ހުންނަވާނީ ޑިވިޒަން ކޮމާންޑަރު ކަމަށް ފުލުހުން ބުނެ އެވެ.
އަޕަ ނޯތު ޕޮލިސް ޑިވިޒަން ކޮމާންޑަރަކަށް ސާމީ ހަމަޖެއްސެވުމާއި ގުޅިގެން ސާމީ އިއްޔެގެ ވަގުތެއްގައި ވަނީ ޑިވިޒަނަށް ވަޑައިގެންފަ އެވެ. އަޕަ ނޯތު ޕޮލިސް ޑިވިޒަންގެ އިދާރީ މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނެވެ.
އަޕަ ނޯތު ޕޮލިސް ޑިވިޒަން ކޮމާންޑަރަކަށް ސާމީ ހަމަޖައްސަވާފައި މިވަނީ މިހާތަނަށް އެ ޑިވިޒަންގެ ކޮމާންޑަރަކަށް ހުންނެވި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ނަސްރުﷲ ޖަލީލްގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.