ކަޓަމަރާނެއްގައި ރާއްޖެ ވަށައި ބުރެއް ޖެހުމަށް ނުކުތުމުގެ ކުރިންވެސް އަބްދުލްޣަފޫރު އަލީ (ގައްބެ) އަކީ ޚާއްސަ ދާއިރާއަކުން ފާހަގަ ކޮށްލެވޭ މީހެކެވެ. ގައްބެއަކީ މޫދުގެ އެކިއެކި ކުޅިވަރުތަކުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތް ތަކެއްގައި ބައިވެރިވެ ރާއްޖެ ތަމްޘީލް ކޮށްދީފައިވާ މީހެކެވެ. ބައިނަލްއަގްވާމީ އެކިއެކި މުބާރާތްތަކުން ރާއްޖެއަށް ތަފާތު ވަނަތަކެއްވެސް ހޯދައިދީފައިވާ ހުނަރުން ފުރިގެންވާ މީހެކެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ 31 ވަނަ ދުވަހު ކަޓަމަރާނެއްގައި ރާއްޖެ ވަށައި ބުރެއްޖެހުމަށް ނުކުތުމުގެ ކުރިން ފަހަރުގައި ގިނަބަޔަކަށް ގައްބެއަކީ ކާކުކަން ނޭނގި އޮވެދާނެއެވެ. ނުވަތަ ގައްބެއަކީ މީހުންގެ މެދުގައި އެހާ މަޝްހޫރު ޝަޚިސިއްޔަތަކަށް ނުވެހިނގައިދާނެއެވެ. އެކަމަކު، ރާއްޖެ ވަށައި ބުރުޖެހުމަށް ގައްބެ ދަތުރަށް ފެށި ހިސާބުން ހުރިހާކަމެއް ބަދަލުވެގެންދިޔައެވެ.