މަޝްހޫރު ފިލްމީ ދެ ތަރިން ކަމުގައިވާ އެކްޓްރެސް ބިޕާޝާ ބާސޫ އާއި އެކްޓަރު ކަރަން ސިންގް ގްރޯވަރ ކައިވެނިކޮށްފި އެވެ.

މި ދެތަރިންގެ ކައިވެނި ހަފްލާ އިއްޔެ ބާއްވާފައިވާއިރު މި ހަފްލާއަށް ދައުވަތު ދީފައިވަނީ މަދު ބަޔަކަށެވެ. އެގޮތުން މިހަފްލާގައި ބައިވެރިވީ އާއިލާގެ ބައެއް މީހުންނާ މި ދެތަރިންގެ ގާތް ބައެއް ރަހްމަތްތެރިންނެވެ. މަޝްހޫރު ފިލްމީ ތަރިއަކު މި ހަފްލާއިން ފެނިފައެއް ނުވެ އެވެ.

ކައިވެނީގެ ހަފްލާއަށްފަހު ދެ މީހުން ވަނީ މީޑިއާގެ ކުރިމައްޗަށް ނިކުމެ ފޮޓޯ ނަގަން ފުރުސަތު ދީފަ އެވެ.

މިއީ ބިޕާޝާގެ ފުރަތަމަ ކައިވެންޏެވެ. ނަމަވެސް ކަރަންގެ ތިންވަނަ ކައިވެންޏެވެ. ކަރަން މީގެ ކުރިން ކައިވެނި ކުރީ ބައެއް ޓީވީ ސީރީޒް ތަކުން ފެނިފައިވާ ތަރިން ކަމުގައިވާ ޝްރަދާ ނިގަމްއާއި، ޖެނިފާ ވިންގެޓްއާ އެވެ. ބިޕާޝާ ވެސް މީގެ ކުރިން އެކި މީހުންނާ ލޯބީގެ ގޮތުން ގުޅިފައިވާއިރު އެންމެ ގިނަ ދުވަހު އެކުގައި އުޅުނީ މަޝްހޫރު ފިލްމީ ތަރި ޖޯން އަބްރަހަމް އާއި އެކު އެވެ.

ބިޕާޝާއާއި ކަރަން ބައްދަލުވީ ދެ މީހުން އެކުގައި ކުޅުނު "އެލޯން" ކިޔާ ފިލްމެއްގެ މަންޒަރުތައް ނަގަމުން ދިޔަ ދުވަސްވަރު އެވެ.