"ކަލޭމެން ކިހިނެއް ވެގެންތަ ތިއުޅެނީ. އޭ. ކޮން ފައިދާއެއްތަ ވަނީ ތި އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން. މަގޭ ކަރުގަ ލޭރަހަ ލަންދެން މީނދަ އާމިރު ކައިރީގަ އާދޭސްކުރިން. ތި ސާވޭ ކުރަން އަންނަ މީހުން މިރަށަށް ނާރުވާށޭ. ކޮންކަމެއްވީ. އެމީހުން އައިސް ކުރީކީ ސާވޭއެއް ނޫނޭ. އެމީހުން އައިސް ކަލޭމެންގެ ބޯ ކާލީ. އެއީ އެމީހުން ކަލޭމެންނަށް ދެއްކި އެއްޗަކީ. އަވިގަދަ ދުވަސްދުވަހު މޫދުގެ ލޮނުގަނޑުން އެ ފެންނަނީ. އެއަށް ދިވެހިބަހުން ކިޔާނީ ދަޅަ."

މިއީ 2015 ވަނަ އަހަރު ބެއްވި ޓެލެޑްރާމާ މުބާރާތުން އެއްވަނައަށް ދިޔަ "އެއްފަސް" ޑްރާމާގެ ޑައިލޮގެކެވެ. ހައުސިން މިނިސްޓްރީން ތައްޔާރުކުރި އެ ޑްރާމާގައި ދައްކުވައިދިނީ ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން، ލ.ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރަން ކުރި މަސައްކަތެވެ. ޑްރާމާގެ މަންޒަރުތައްވެސް ނަގާފައިވަނީ ގާދޫގައެވެ.

އާބާދީ ގިނަ ބިން ބޮޑެތި ސަރަހައްދުތަކަށް ކުދި ރައްރަށުގެ މީހުން ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ޚިޔާލީ ޑްރާމާއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ގެނެސްދިން ނަމަވެސް، އެ ޑްރާމާގައި މާބޮޑު ކުލައެއް ނުޖެހޭނެކަމަށް ގާދޫގެ ބައެއް ރައްޔިތުން ތިބީ ހީކޮށްގެނެއް ނޫނެވެ. ނަމަވެސް މި 2016 ވަނަ އަހަރުގެ ޖެހުއަރީމަހު ސަރުކާރުން ވަނީ ގާދޫން މީހުން ބާލައި އެެއަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދުއަށް ބަދަލުކޮށްފައެވެ.

އާބާދީގައި ގާތްގަނޑަކަށް 428 މީހުން ތިބި، ގުދުރަތީ ރީތިކަމެއް ލިބިފައިވާ ލ. ގާދޫގެ އެންމެ ހާއްސަ ސިފައަކީ، ނުވަތަ އެރަށް މަޝްހޫރުވެފައި އޮންނަނީ އާދަޔާ ޚިލާފަށް ވެލާ ކަނހަބު އަރައި ބިސްއަޅާ ރަށެއްގެ ގޮތުގައެވެ. މިކަމަށް ބާރުދެނީ، ގާދޫގައި ކަރަންޓްގެ ޚިދުމަތް އަލަށް ދޭންފެށީ ވެލާބިސް ވިއްކައިގެން ލިބުނު ފައިސާއަށް ގަތް ޖަނަރޭޓަރަކަށް ކަމަށް ދެކެވޭ ވާހަކައިންނެވެ.

ލ.ގާދޫއިން މީހުން ބާލައި ހުސްކުރުމުގެ ދެތިންދުވަސް ކުރިން، ވީ ނިއުސްއަށް މައުލޫމާތު ދިން ގާދޫގެ ބައެއް ރައްޔިތުން ބުނީ، އެމީހުން ރަށުން ބާލަނީ ގަދަކަމުން ކަމަށެވެ. އެހެންކަމުން ރަށުން ބާލާއިރު، އެމީހުން ދިރިއުޅެން ހަމަޖައްސާ ތަނަކީ ރަނގަޅު އަދި ހުރިހާ ޚިދުމަތެއް ލިބޭނެ ފަދަ ގޮތަކަށް އިންތިޒާމް ހަމަޖެހިފައި އޮންނަ ތަނަކަށްވާން ޖެހޭކަމަށެވެ.

ސަރުކާރުން މަޖުބޫރު ކުރުމުން ރަށުން ފައިބާއިރު، އެމީހުންގެ އަނެއް ކަންބޮޑުވުމަކީ، ރަށުގެ ރައްޔިތުން ފޮނަދޫގެ އެކި ސަރަހައްދުތަކުގައި އާބާދުވާން ޖެހުމެވެ. މީގެ އިތުރަށް ގާދޫގައި ރުއްއެރުމުގެ މަސައްކަތް ކުރި ބައެއް މީހުން ވަނީ، އެމީހުން ކާންބޯން ކުރި މަސައްކަތް ފޮނަދޫއިން ކުރަން ފަސޭހަ ނުވާނެ ކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

"ގަދަކަމުން ބާލާއިރު އަހަރުމެން ހިތްހަމަ ޖެހެން ގޮތަކަށް ހިތްރުހެން ގޮތަކަށް ބާލަންޖެހޭޅަ. މިޔޮކޫ އަދުގޮހޮފަ މިރޭ ނިފާދަ މިރަކަށް އުމާކަށް ނޯނޭ. މިޔޯ ދުނިޔެ އުމުރަށް ދަނޫއޭ. ކޮންމެ މީހަކުވެސް ހަމަ ގަދަކަމުން ބޭލިއަސް ޖެހޭނީ ތައްޔާރުވާންދޯ. އަހަރުމެން ނުރުހުމަ ބޭލިއަސް ދާން މިތިބީ." މާޔޫސްވެ ފެންކަޅިވެފައި އިނދެ ދުވަސްވީ އަންހެނަކު ކިޔައިދިނެވެ.