މިސްރު ދަރިކޮޅުގެ ސްވިޓްޒަރލޭންޑްގެ ޓްރެވަލް އޭޖެންޓެއް ކަމަށްވާ އައިސިސް ބިހިރީއަށް އޭނާއަށްކިޔާ ނަމުގެ ސަބަބުން މައްސަލަގަނޑެއްގެ ތެރެއަށް ވަންނަން ޖެހޭނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. އައިސިސް / އީސިސް (ISIS) އަކީ މިސްރުގައި އަންހެނުންނަށް ކިޔައިއުޅޭ ވަރަށް އާންމު ނަމެކެވެ. އަދި އެއީ މިސްރުގައި ވަރަށް ގަދީމީ ނަމެއްވެސް މެއެވެ.

އައިސިސް ބިހިރީއަކީ ސްވިޓްޒަރލޭންޑްގެ ރޯޔަލް ވޮޔޭޖަސް ޓްރެވަލް އޭޖެންސީ ނަމަކަށް ކިޔާ އޭޖެންސީއެއްގެ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އޭނާ އެކަން ކުރާތާވެސް އެތައް އަހަރެއް ވެއްޖެއެވެ.

އައިސިސްއަށް ކަމެއް ގޯސްވެގެން އުޅޭކަން އެނގުނީ، އޭޖެންސީން ޚިދުމަތް ހޯދާ ފަރާތްތަކުން އޭނާގެ އެކައުންޓަށް ޖަމާކުރަންދޭ ފައިސާ ބޭންކަށް ޖަމާނުކުރެވި ހިފަހައްޓާފައި ހުންނަކަން އެނގުމުންނެވެ. ޚިދުމަތް ހޯދާ ފަރާތްތަކުން އައިސިސްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ހަވާލުކުރަނީ ސްވިސް ޕޯސްޓްގެ ފައިސާގެ ޚިދުމަތް ކަމުގައިވާ "ޕޯސްޓްފައިނޭންސް" އާއެވެ.

"ޕޯސްޓްފައިނޭންސް" އިން އައިސިސްގެ އެކައުންޓަށް ފައިސާ ޖަމާނުކޮށް ލަސްވާ ސަބަބު އޮޅުންފިލުވަން އައިސިސްވަނީ އޭނާގެ އޭޖެންސީން ޚިދުމަތް ހޯދާ ފަރާތެއް މެދުވެރިކޮށް "ޕޯސްޓްފައިނޭންސް" އަށް ސިޓީއެއް ފޮނުވާފައެވެ.

ސިޓީގެ ޖަވާބުން އައިސިސްއަށް ލިބުނީ ބޮޑު ސިހުމެކެވެ. ޝޮކެކެވެ. ސަބަބަކީ، ސްވިސް ބޭންކުން އައިސިސްގެ ބޭންކް އެކައުންޓް ކަޅުލިސްޓަށް ލާފައި (ބްލެކްލިސްޓްކޮށްފައި) ވުމުގެ ސަބަބުން އައިސިސްގެ ނަމުގައި ހަދާފައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާނުކުރެވޭ ކަމަށް "ޕޯސްޓްފައިނޭންސް" އިން ދިން ޖަވާބު ސިޓީގައި ބަޔާންކޮށްފައި އޮތުމުންނެވެ.

"ޕޭމަންޓްވަނީ ބްލޮކް ކޮށްފައި. ސަބަބަކީ "އައިސިސް" އެނަންކިޔާ އެންމެންވަނީ ބޭންކްގެ ދަތިކުރުމުގެ ފިޔަވަޅުއަޅާ ލިސްޓްގައި. މިލިސްޓްގައި ހިމެނުމުގެ މާނައަކީ ފައިސާގެ މުއާމަލާތް ހިންގުމުގައި އެމީހަކާމެދު ދަތިކުރުންތައް ކުރިމަތިވުން" ސްވިސް ޕޯސްޓްއިން ފޮނުވި ޖަވާބު ސިޓީގައި ލިޔެފައި ވެއެވެ.

ސްވިޓްޒަރލޭންޑްގެ "20 މިނެޓްސް" ދުވަހު ނޫހަށް މައުލޫމާތު ދެމުން އައިސިސް ބިހިރީ ބުނީ، އޭނާގެ ނަމުގައި ހިމެނޭ އަކުރުތަކެއްގެ ސަބަބުން އޭނާއަކީ ނުރައްކާތެރި މީހުންގެ ލިސްޓެއްގައި ހިމެނިދާނެ މީހެއްކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ. އެކަމާހެދި ވަރަށްބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. "އެއީ ވަރަށް މަޖާ އަދި ކަންބޮޑުވާ ކަމެއްވެސްމެ. އަހަރެން އަންތަރީސްވެ، ބިރުވެސްގަތް" ބިހިރީ ބުންޏެވެ.