މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ "ވަފާތެރިކެހިވެރިޔާ" ރިލީޒްކޮށްފި އެވެ.
އޮލިމްޕަހުގައި މިރޭ މި ފިލްމް ރިލީޒް ކުރުމަށް ބޭއްވުނު ހަފްލާ ފެށިގެން ދިޔައީ ޕީއެސްއެމްގެ ޓީވީއެމް އިން ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންގެ ހުނަރުވެރި ހުށަހެޅުންތަކަކާއި އެކު އެވެ.
މި ފިލްމު ރިލީޒް ކޮށްދެއްވީ ޕީޕީއެމްގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހު އާއި މޯލްޑިވިއަން އައިޑޮލް ސީޒަން ވަންގެ އެއްވަނަ ލައިޝާ ޖުނައިދެވެ.
ދެކެދެކެވެސް ޕްރޮޑަކްޝަންގެ މިފިލްމްގެ ޕްރޮޑިއުސަރަކީ މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.
މިފިލްމްގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ސީޒަންގެ އިތުރުން ޒީނަތު އައްބާސް އާއި، މަލީހާ ވަހީދު (މަލް)އާއި، އަޒްމީލްގެ އިތުރުން ސައީދު އެވެ.
ބިންމާ އިބްރާހީމް ވަހީދުގެ "ވަންހަނާ" ވާހަކައަށް މި ފިލްމްގެ ސްކްރިޕްްޓް ތައްޔާރުކޮށްފައިވަނީ ވެސް ސީޒަން އެވެ.
ފިލްމްގައި ލަވަތައް ކިޔާދީފައިވަނީ ކުޑައިއްބެއާއި ލަހްފާއާއި ރާފިއަތުގެ އިތުރުން އަޝްފާ އެވެ. ތީމް ލަވައިގެ މިއުޒިކާއި ބެކް މިއުޒިކް ތިއްތި ހަދާފައިވާއިރު އެހެން ލަވަތަކުގެ މިއުޒިކް ހަދާފައިވަނީ ކުޑަ އިއްބެ އެވެ.
މި ފިލްމް ބެލުމަށް ރޭ އޮލިމްޕަހަށް ދިޔަ ބައެއް މީހުން ބުނީ 200 ރުފިޔާގެ ޓިކެޓެއް ގަނެގެން ފިލްމް ބަލަންދާ ވަރަށް މި ފިލްމް ހިތްގައިމު ނޫން ކަމަށެވެ. ގިނަ ބަޔަކު މިފިލްމް ދެކެނީ މެދުމިނުގެ އުފެއްދުމެއްގެ ގޮތުގަ އެވެ. ފިލްމްގެ ލަވަތައް ހިތްގައިމުކަން އެންމެންވެސް ފާހަގަކުރި އެވެ.