ލ. ގަން، ގުލްއަލާގެ، މަސީހާ އަބޫބަކުރު އޮޕަރޭޝަނެއް ކުރުމަށް ހޭނައްތާ އިންޖެކްޝަނެއް ޖެހުމުން ހޭނާރާ އޮންނަތާ 24 ދުވަސް ފަހުން ނިޔާވެފައިވަނީ ހުސްވި އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ.
އާދައިގެ އޮޕަރޭޝަނެއް ކުރުމަށް ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދިއުމުން މަސީހާގެ ހަށިގަނޑަށް ހޭނައްތާ އިންޖެކްޝަން ޖަހާފައިވަނީ މާޗް މަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ޑޮކްޓަރެކެވެ. މިކަމާއި ގުޅިގެން އެންމެ ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވެގެން ދިޔައީ ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓަށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަ އަބުދުލް ހަންނާނު ވިދާޅުވީ މަސީހާއަށް ދިމާވި ކަންކަމުގައި ހޮސްޕިޓަލުން ދެވެންހުރި އެންމެ ރަނގަޅު ފަރުވާދީ އަވަސް ފަރުވާ ދެވުނު ނަމަވެސް ރަށުގެ ޒުވާން މަންމަ އަކު އެފަދަ ހިތާމަވެރި ގޮތަކަށް ނިޔާވުމުން ހިތާމަކުރައްވާ ކަމަށެވެ.