ރާއްޖެއަކީ ގުދުރަތީ ރީތިކަމުގައި ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް މަންޒިލެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއަށް މިހާރު އާދެވިފައިވާ ހިސާބަކަށް ނަޒަރެއް ހިނގާލުމުން އެކަން ވަރަށްވެސް ސާފެވެ. ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ސީދާ ގުޅުންހުރި ވަޒީފާތައް އުފެދިފައިވާ މިންވަރަށް ބަލާލުމުންވެސް އެކަން ސާފުވާނެއެވެ. މީގެ އިތުރަށް ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑެތި އެވޯޑް ހަފްލާތަކުގައި ރާއްޖެ ހޯދަމުންދާ މަތިވެރި ކާމިޔާބީތަކުންވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގުބޫލްވެފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަކޮށްދެއެވެ. ރާއްޖޭގައި ފަތުުރުވެރިކަމަށް ހާއްސަކޮށްގެން ރިސޯޓްތައް ހިންގަމުންދާތާ އަހަރުތަކެއް ފާއިތުވެގެންގޮސްފައިވާއިރު، މިއަދު ފަތުުރުވެރިކަން މިވަނީ ދިރިއުޅޭ އަމިއްލަ ރަށާއި ހަމައަށްވެސް ފޯރާފައެވެ. ރާއްޖޭގައި މިދުވަސްވަރު އެންމެ ބާރަށް ކުރެވޭ އެއް މަސައްކަތަކީ ލޯކަލް ޓްއަރިޒަމް ތައާރަފްކުރުމެވެ. ރައްޔިތުންގެ ހިތްމަތާއި މިންނަތުން މިއަދު ބައެއް ރަށްރަށުގައި ކާމިޔާބުކަމާއެކު ލޯކަލް ޓްއަރިޒަމަށް ގެސްޓް ހައުސްތައް ތައްޔާރުކޮށް ފަތުރުވެރިންގެ ހިތްތަކުން ދިވެހިން ދިރިއުޅޭ ރަށްރަށުންވެސް ވަނީ ޖާގަހޯދާފައެވެ. ރިސޯޓްތަކެކޭ އެއްގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށްވެސް ފަތުުރުވެރިންގެ މެދުގައި ބޮޑު މަގުބޫލްކަމެއް އެބައޮތެވެ. އޭގެ ތެރެއިންވެސް ވ އަތޮޅު ކެޔޮދޫއަކީ މިއަދު ފާހަގަކޮށްލެވޭ ރަށެކެވެ.