ސްވިޑަންގެ ކާރު އުފައްދާ ކުންފުނި "ވޮލްވޯ" އިން އުފެއްދި، ޑްރައިވަރާއި ނުލައި، އޭގެ ޒާތުގައި އަމިއްލައަށް ދުވާ ކާރު (އޮޓޮމެޓިކްއިން ދުވާ ކާރު) އަޖުމަބެލުމުގެ ގޮތުން 2017 ވަނަ އަހަރު ލަންޑަންގެ މަގުތަކަށް ނެރެން އެކުންފުނިން ތައްޔާރު ވެއްޖެއެވެ. "ވޮލްވޯ" ކުންފުނިން މިހާރު ވަނީ އެކަން އިޢްލާންވެސް ކޮށްފައެވެ.
އަމިއްލައަށް ދުވާ ކާރަށް ވަގުތީގޮތުން ކިޔަމުންދާ ނަމަކީ "އޮޓޮނޮމަސް ޑްރައިވިން" ނުވަތަ އޭ.ޑީ ކާރެވެ. މިބާވަތުގެ ކާރުތައް އަޖުމަބެލުމުގެ ދަތުރުތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އާންމު ފަރާތްތަކަށެވެ. އެކަމަކު ލަންޑަންގެ މަގުތަކަށް 2017 ވަނަ އަހަރު ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ "ސެމީ އޮޓޮނޮމަސް" ކާރުތަކެވެ. އަޖުމަ ބެލުމުގެ ދަތުރުތަކާއެކު، އިތުރު ބަދަލުތައް ގެނަސް، ޑްރައިވަރާއި ނުލައި ދަތުރުކުރެވޭ ގޮތަށް 2018 ވަނަ އަހަރު މުޅިން ބަދަލު ކޮށްލެވޭނެ ކަމަށް "ވޮލްވޯ" ކުންފުނިން ބުނެއެވެ.
އޭ.ޑީ ކާރުތައް ލަންޑަންގެ މަގުތަކަށް އާންމުން ދުއްވަން ނެރުމަށް ހަމަޖެހިފައިވަނީ "ޑްރައިވް މީ ލަންޑަން" މިނަމުގައެވެ. މަގުތަކަށް ނެރުމަށް ހަމަޖެހިފައި ވަނީވެސް ވަކި އަދަދަކަށެވެ. އެގޮތުން، ފުރަތަމަ މަދު އަދަދެއް ނެރުމަށްފަހު 2018 ވަނަ އަހަރާ ހަމައަށް ޖުމްލަ 100 ކާރު ލަންޑަންގެ މަގުތަކަށް ނެރޭނޭ ކަމަށް "ވޮލްވޯ" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޑްރައިވަރާއި ނުލައި، އަމިއްލައަށް ދުވާ "ސެމީ އޮޓޮނޮމަސް" ކާރުތައް، އިންސާނެއްގެ އެއްވެސް އެހީތެރިކަމަކާ ނުލައި، ފަސިންޖަރު ބުނާ ތާކަށް އެމީހަކު ގެންގޮސްދޭނެއެވެ. އެކަމަކު، މޫސުން ވަރަށް ބޮޑަށް ގޯސްވެއްޖެ ހިނދެއްގައި އެކަން އެގޮތަށް ނުހިނގާނެ ކަމަށް ވެއެވެ.