ކަނޑުގައި އުޅޭ ދިރުމުގެ ބާވަތެއް ކަމަށްވާ ޖެލީފިޝް ނުވަތަ ދިވެހިން ކިޔާގޮތުން ނަމަ "ފިރުއައުމުދާ" އަކީ ވިހަ އެކުލެވޭ، ގައިގައި ޖެހުމުން ފިއްގަނޑުތަކެއް ނަގައި ހިރުވައި އެޒާތުގެ ގޮތްގޮތްވާ އެއްޗެއް ކަމަށް މީހުން ބުނެއުޅެއެވެ. އެހެންވެ އޭގައި އަތްލާންވެސް ބައެއް މީހުން ބިރުގަނެއެވެ. އެކަމަކު އޭގައި އަތްލާ މީހުންވެސް މަދެއްނޫނެވެ.
އެކަމަކު ޖެލީފިޝްއަކީ އޭޝިޔާގެ ބައެއް ގައުމުތަކުގެ މީހުން ކައިއުޅޭ އެއްޗެކެވެ. ޚާއްސަކޮށް ޖަޕާނު ޗައިނާފަދަ ގައުމުތަކުގައެވެ. އެމީހުން އެ ކައިއުޅެނީ، ލޮނުއަޅައި ގަދަޔަށް ތެލުލައި މުރަނަ ކޮށްގެންނެވެ. އެގޮތަށް ތެލަށް އަޅައިގެން އެމީހުން ވަރަށް މީރުކޮށް ޖެލީފިޝް ކައިއުޅެއެވެ. ޖެލީ ފިޝްއަކީ ޖަޕާން ޗައިނާފަދަ ގައުމުތަކުގެ މަސްމާރުކޭޓު ތަކުގައިވެސް ވިއްކާން ހުންނަ މަހުގެ ބާވަތެކެވެ.
އެކަމަކު މިހާރު ދިމާވެގެން އުޅެނީ މާ ނުރައްކާ މައްސަލައެކެވެ. ޗައިނާއޭ ބުނެފިނަމަ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގެ މީހުންގެ ދުލުކުރީގެ ބަހަކަށް ވެފައި އޮންނަނީ "ފޭކް" އެވެ. ހަމަ ތެދެކެވެ. ޗައިނާގައި ފޭކް ޖެލީފިޝް ވިއްކާކަން މިހާރު ވަނީ ފަޅާއަރާފައެވެ. މިކަން ފަޅާއަރުވާލީވެސް ޗައިނާ ސަރުކާރުންނެވެ.
ކެމިކަލް މާއްދާތަކެއް ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޖެލީފިޝް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ އައްސޭރިފަށުގެ ޕްރޮވިންސެއް ކަމަށްވާ ޒެޖިއަންގެ އަވަށެއް ކަމަށްވާ ހުޒޫގައި ކާބޯތަކެތި ވިއްކާ މާރުކޭޓަކުންނެވެ. ފޭކް ޖެލީފިޝް ވިއްކަމުންދަނިކޮށް ކަމާބެހޭ ފަރާތްތަކުން އަތުލައިގަތްއިރު، މާރުކޭޓަށް އެތަކެތި ގެނައި ފަރާތުން ގާތްގަނޑަކަށް ދިހަވަރަކަށް ޓަނުގެ ޖެލީފިޝް ވަނީ ވިއްކާލާފައެވެ.
ހުޒޫ އަވަށުގެ މާރުކޭޓަށް ފޭކް ޖެލީފިޝް ގެނައީ އަވަށްޓެރި ޖިއާންސޫއިން ކަމަށާއި، އެތަކެތި ވިއްކައިގެން، ސަޕްލައި ކޮށްދިން ފަރާތަށާއި، ވިއްކި ފަރާތަށް އާމްދަނީގެގޮތުގައި 170،000 ޔުއާން ލިބުނު ކަމަށް ޒެޖިއަން ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރުގެ ވެބްސައިޓްގައި ބުފައި ވެއެވެ. މިއީ، 26،000 އެމެރިކާ ޑޮލަރެވެ. މިކަމާ ގުޅިގެން ސަރަހައްދީ ސަރުކާރުގެ ފުލުހުންވަނީ ހަމީހަކު ހައްޔަރުވެސް ކޮށްފައެވެ. އަދި ފުލުހުންދަނީ މިމައްސަލަ ތަހްގީގު ކުރަމުންނެވެ.
ކެމިކަލް ބޭނުންކޮށްގެން ހަދާފައިވާ ޖެލީ ފިޝްގައި ވަރަށް މަތީ މިންވަރަކަށް އެލުމިނިއަމް އެކުލެވެއެވެ. ގިނަދުވަހު އެ ކައިފިނަމަ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ކަށިތަކާއި ނާރުތަކަށް ގެއްލުން ލިބެއެވެ. އަދި މީހާއަށް ހަނދާންނެތުމުގެ ބަލިޖެހި ސިކުނޑި އުނި މީހަކަށްވެސް މީހާ ވެދެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ޗައިނާގައި ވަރަށް ކުޑައެވެ. ކެއިންބުއިމުގެ ޚިދުމަތާއި، ކާބޯތަކެތީގެ ވިޔަފާރީގައި ބޮޑެތި އެތައް މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އެފަދަ މައްސަލަތައް ކުރިމަތިވަނީ، ޚިދުމަތުގެ މިންގަނޑުތަކާއި ގަވާއިދުތައް ބަލާންތިބޭ އޮފިޝަލުން އަމިއްލަ މަންފާއަށް ކޮރަޕްޝަންގައިޖެހި، ބެލުން ކުޑަވުމުގެ ސަބަބުން ކަމަށް ވެއެވެ.
ތުއްތުކުދިން ބޯން ބޭނުންކުރާ ހިކިކިރަށް އެޑިކްޓްވާ ކެމިކަލް މާއްދާއެއް ގަޑުބަޑުކޮށްގެން ވިއްކި ބޮޑު މައްސަލައެއް 2008 ވަނަ އަހަރު ޗައިނާގައި ފަޅާއަރާފައި ވެއެވެ. އެ ކިރު ބޮއިގެން އެތައް ތުއްތު ކުދިން މަރުވެ، އެތައްހާސްކުދިން ބަލިވިއެވެ. އެ މައްސަލާގައި ހިމެނޭ ދެމީހަކު މެރިނަމަވެސް، ދެން ހިމެނޭ ގިނަ އޮފިޝަލުންނަށް ސަރުކާރުގެ ވަޒީފާތަކާއި ޕްރޮމޯޝަންތައް ލިބުނު ކަމަށް 2014 ވަނަ އަހަރު ޗައިނާގެ ބައެއް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
ޗައިނާގެ "ފޭކް" ކާބޯތަކެތީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ގިނައެވެ. މިބާވަތުގެ ކަށަވަރުނުވާ ވަރަށްގިނަ މައްސަލަތައް މިދިޔަ އަހަރާއި މިއަހަރުވެސް ރިޕޯޓް ކޮށްފައި ވެއެވެ. އެގޮތުން، ފޭކް ހަނޑޫ ބާޒާރަށް ނެރުނު ވާހަކައާއި، ގެރިމަހުގެ ގޮތުގައި ދަޅުގައި ބަންދުކޮށްގެން ބާޒާރަށް ނެރޭ މަހާ ބެހޭގޮތުންވެސް ވަރަށް ޒާތެއްގެ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފަތުރަމުން އެބަގެންދެއެވެ.
ނޯޓް: މަތީގައި އެވަނީ، 1 މެއި 2016 ގައި ނުކުތް "ވީކްލީ" ގެ 121 ވަނަ އަދަދުގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ.