"މާވަށް މިއޮތީ ފުރިފަ. ދެން މާވަށުގައި އިތުރަށް ގޯތި ދޫކުރަން ބިން ނެތްނަމަ އަޅުގަނޑު ހަމަ މިއަދުވެސް ކޮށްލަން ބޭނުންވާ އިލްތިމާސް އަކީ، އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާށޭ. އަވަހަށް މާލެ ސަރަހައްދަށް ހިޖުރަކުރައްވަން ވަޑައިގަންނަވާށޭ،" ލ. މާވަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވި އެވެ.
އާއެކެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކުގެ ޒުވާނުންނަށް ހުޅުމާލޭގައި ބިނާ ކުރާ ޔޫތު ސިޓީ އަށް ހިޖުރަކުރަން ރައީސް އެދިވަޑައިގަންނަވަނީ އެވެ. މިއީ މިހާރަކަށް އައިސް އެކިއެކި މުނާސަބަތުތަކުގައި ރައީސް ޔާމީން ތަކުރާރު ކުރައްވަމުން ގެންދަވާ ބަސްފުޅެކެވެ.
ތަރައްގީގެ މަންޒަރުތައް ރައްޔިތުން އަބަދުވެސް ދެކެން ބޭނުމެވެ. ނަމަވެސް ތަރައްގީ އަކީ އަމިއްލަ ރަށުގައި އަނބިދަރިންނާއި މައިންބަފައިގެން ގާތުގައި ތިބެގެން ލިބޭ އެއްޗެއް ކަމުގައިވާން އެބަޖެހެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ޒުވާނުން މާލެއަށް ނުވަތަ މާލެ ސަރަހައްދަށް ހިޖުރަކުރުމަށް ރައީސް ދައުވަތުދެއްވާއިރު، އެސަރަހައްދު ތަކަށް ބަލާލަމާ ހެއްޔެވެ. ލ. އަތޮޅަށް އެކަނި ބަލާލިއަސް އެނޫން އެހެން ގޮތަކަށް އެކަން ހަމަޖެހިދާނެ ކަމުގެ އުއްމީދު އެބައޮތެވެ.
ރާއްޖޭގެ ރަށްތައް އިދާރީ ގޮތުން ހިންގުމުގެ އުސޫލަށް ބަލާއިރު، ލ. އަތޮޅު އޮންނަނީ ގަމު ދާއިރާ ފޮނަދޫ ދާއިރާ، އިސްދޫ ދާއިރާ އަދި މާވަށް ދާއިރާ ހިމެނޭ ގޮތުން ހަތަރު ދާއިރާ އަކަށް ބަހާލެވިފަ އެވެ.