"ތިކަން ކުރަންޖެހޭނީ ދެޖިންސް ވަކިން. އަންހެން ކަސްޓަމަރުންނަށް އަންހެން ޑްރައިވަރުން، ފިރިހެން ކަސްޓަމަރުންނަށް ފިރިހެން ޑްރައިވަރުން. އެހެން ނޫނީ ތި ސައިކަލުގައި ޓެކްސީކުރާ ޓެކްސީ ޑްރައިވަރުންގެ މައްސަލަތައް ބަލަން ކޮންމެ ސައިކަލެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަން ޖެހޭނެ،" މިއީ ސައިކަލުގައި ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމި ހަބަރު ލިބުމުން އާއްމުންގެ މީހަކު ފާޅުކޮށްފައިވާ ހިޔާލެކެވެ.

ސައިކަލްގައި ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް އިކޮނޮމިކް މިނިސްޓްރީން މިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް އަންގާފަ އެވެ. އަދި އެ އެންގުމާއި ގުޅިގެން އެކަމަށް ތައްޔާރުވަމުންދާއިރު، ސައިކަލްގައި ޓެކްސީ ކުރުމުގެ ހުއްދަ ދިނުމަކީ މިހާރު ބައެއް ހާލަތްތަކުގައި ޓެކްސީ ނުލިބޭ ކަމަށް ބުނެ ލިބޭ ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވެ އެވެ.

ކުލީ ކާރުން މިހާރު ނަގަމުންދާ އަގަށްވުރެ ހެޔޮކޮށް 10 ރުފިޔާގެ އަގަކަށް މި ހިދުމަތް ފެށުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ. މިއާއި އެކު ކުލީ ސައިކަލްގެ ހިދުމަތާއި ގުޅޭގޮތުން އާއްމުންގެ ބަހުސް މިވަނީ ފެށިފަ އެވެ. ހާއްސަކޮށް ވައިބާ އާއި ފޭސްބުކް ފަދަ ސޯޝަލް ޕްލެޓްފޯމް ތަކުގައި ތަފާތު ގޮތްގޮތަށް މި ބަހުސްގެ ފޯރި މިވަނީ ގަދަވެފަ އެވެ. ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ.