ފިލްމީ ތަރި ސުނީތާގެ 37 ވަނަ އުފަން ދުވަހާ ދިމާކޮށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ސުނީތާއަށް އުފަން ދުވަހު މަރުހަބާ ކިޔާފައިވާ ގޮތުން ސުނީތާ އުފަލުން ފޮޅިއްޖެ އެވެ.

ސުނީތާ އަކީ ޕްރިޔަންކާގެ އެންމެ ހާއްސަ އެއް ފޭނެވެ. ޕްރިޔަންކާއަށް ރާއްޖޭގައި ސަޕޯޓް ކުރާ މީހުންގެ ތެރެއިން އެކަން އެންމެ ބޮޑަށް ހާމަކުރާ އެކަކަކީ ވެސް ސުނީތާ އެވެ. އެކަން އޭނާގެ ފޭސްބުކް އަދި ޓްވިޓާ ބަލާލުމުން އެނގިގެންދެ އެވެ.

ސުނީ ވަނީ އޭނާގެ އުފަން ދުވަހާއި "ސުނީތާ އޯ މައި ޑާލިން" ގެ ނަމުގައި އިއްޔެ ޔޫޓިއުބުގައި ހާއްސަ ލަވައެއް ވެސް އަޕްލޯޑް ކޮށްފަ އެވެ. މިލަވައިގައި އެކްޓް ކުރުމުގެ އިތުރަށް ލަވަ ކިޔާފައިވަނީ ވެސް ސުނީތާ އެވެ.

ގިނަ ބަޔަކަށް ސުނީތާގެ މިލަވަ އަދި އޭނާގެ އަޑުވެސް ކަމުދިޔަ އެެވެ. އެތައް ބަޔަކު ވަނީ ސުނީއަށް ހިތްވަރުވެސް ދީފަ އެވެ. އެކަމަކު ސުނީތާއަށް އެންމެ ހާއްސަވީ އޭނާގެ ސުޕަ ސްޓާ ޕްރިޔަންކާ މި ލަވަ ބެލުމަށްފަހު އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވާ ގޮތާއި ލަވައަށް ހިތްވަރު ދީފައިވާ ގޮތުންނެވެ.

ޕްރިޔަންކާ ސުނީތާ އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ބުނެފައިވަނީ ސުނީތާ އަކީ މިހާރު އޭނާގެ "ރޮކްސްޓާ" ކަމަށެވެ. އަދި ސުނީތާއަށް ލަވަ ކިޔުމުގެ ދާއިރާއިން ކުރިއެރުން ލިބުމަށްވެސް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ. ޕްރިޔަންކާ އަކީ ވެސް އެކްޓް ކުރުމުގެ އިތުރަށް ލަވަ ވެސް ކިޔާ މީހެކެވެ.

ޕްރިޔަންކާ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވުމުން އުފަލުން ފޮޅިފައި ހުރި ސުނީތާ ބުނީ މިއީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި އުފަން ދުވަސް ކަަމަށެވެ.